ޖަރުމަން ލީގުގެ ފުރަތަމަ ނުވަ މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފި އެވެ.

ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ ރެކޯޑް ހެދީ ބުންޑެސްލީގާގައި ރޭ ބަޔާނުން އަމިއްލަ ދަނޑުގައި ބާލިން ޔޫނިއަން އަތުން 2-1 އިން މޮޅުވި މެޗުގަ އެވެ. ފުރަތަމަ ހާފުގެ ތޭރަ ވަނަ މިނެޓުގައި ފްރާންސްގެ ޒުވާން ޑިފެންޑަރު ބެންޖަމިން ޕަވާޑް ޖެހި ލަނޑުން ބަޔާނުން ކުރިހޯދިއިރު 53 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ ލަނޑާއެކު އެ ޓީމުން ވަނީ ލީޑުފުޅާކޮށްފަ އެވެ. ރޭގެ މެޗުގައި ބާލިން ޔޫނިއަންގެ ހަމައެކަނި ލަނޑު ޖެހީ ސަބޭސްޓިއަން ޕޯލްޓާ އެވެ.

ޖަރުމަނު ލީގުގެ ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލާފައިވާއިރު ކުރިން މި ރެކޯޑު އޮތީ ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަތުގަ އެވެ. މިހާރު އިނގިރޭސިވިލާތުގެ އާސެނަލަށް ކުޅެމުން އަންނަ އޮބާމަޔަން އެ ރެކޯޑް ގާއިމްކުރީ ފުރަތަމަ އަށް މެޗުގައި ލަނޑު ޖަހައިގެންނެވެ.

އުމުރުން 31 އަހަރުގެ ލެވަންޑޯސްކީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރިއިރު 2019 ވަނަ އަހަރުގެ މިހާތަނަށް ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. މި އަހަރުގެ މިހާތަނަށް ލެވަންޑޯސްކީ 37 ލަނޑު ޖަހާފައިވާއިރު މިއީ ލިއެނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުތަކަށްވުރެ ގިނަ އަދަދެކެވެ. މި ސީޒަނުގައި ވެސް މިހާތަނަށް ލެވަންޑޯސްކީ ވަނީ ހުރިހާ މުބާރާތެއް އެއްކޮށްގެން 19 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 13 ލަނޑު އޭނާ ލީގުގައި ޖެހިއިރު މިވަގުތު ޔޫރަޕިއަން ގޯލްޑެން ބޫޓްގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް ލެވަންޑޯސްކީ އެވެ.

ރޭގެ މޮޅާއެކު ބަޔާނުން ވަނީ ނުވަ މެޗުން ނަވާރަ ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ދެވަނައިގައި އަށާރަ ޕޮއިންޓާއެކު ފްރެއިބާގް އޮތްއިރު ސޯޅަ ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ.