މި ސީޒަނަށްފަހު އެތްލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކްލަބުގެ ފޯވާޑް ފެނާންޑޯ ޓޮރޭސް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ޓޮރޭސް އެތްލެޓިކޯ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު މި ސީޒަނުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ.

"މިއީ އަހަރެން އެތްލެޓިކޯ އަށް ކުޅޭނެ ފަހު ސީޒަން. އެންމެންނަށް ވެސް ފެންނާނެ އަހަންނަށް ކުޅުމުގެ ފުރުސަތު މިހާރު މި ލިބެނީ ވަރަށް މަދުންކަން" ސްޕެއިން އަށް އުފަން ފޯވާޑް ބުންޏެވެ.

ޓޮރޭސް ބުނީ މިއީ ނިންމަން ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ދެވަނަ ފަހަރަށް އެތްލެޓިކޯ ދޫކޮށްލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެން އުއްމީދުކޮށްގެން ހުރީ އެތްލެޓިކޯގައި ހުރެ ކެރިއަރު ނިންމާލެވޭނެ ކަމަށް. އެކަމަކު އަހަރެން އަދި ބޭނުން ދޭއް، ތިނެއް ނޫނީ ފަސް އަހަރު ވަންދެން ކުޅެން" ޓޮރޭސް ބުންޏެވެ.

މި ސީޒަނަށްފަހު އެތްލެޓިކޯ ދޫކޮށްލަން ޓޮރޭސް ނިންމުމާ ގުޅިގެން އެތްލެޓިކޯ އިން ވަނީ މި ސީޒަނުގައި އެޓީމުން އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗުގައި ޓޮރޭސް އަށް އަލްވަދާއު ކިޔުމަށް ހާއްސަ ކަމެއް ބާއްވާނެކަން އިއުލާންކޮށްފައެވެ.

"ޓޮރޭސް އަކީ އެތްލެޓިކޯގެ ލެޖެންޑެއް. މި ކްލަބަށް އެނބުރި އައުމަށް ޓޮރޭސް އަށް އަބަދުވެސް ދޮރު ހުންނާނީ ހުޅުވިފައި" އެތްލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވިއެވެ.

ލިވަޕޫލް އާއި ޗެލްސީ އަދި އޭސީ މިލާނަށް ވެސް ކުޅެފައިވާ ޓޮރޭސް ދެވަނަ ފަހަރަށް އެތްލެޓިކޯއާ ގުޅުނީ 2014 ވަނަ އަހަރުއެވެ.