ލިވަޕޫލް އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު ފަހަތަށް ޖައްސާލުމަށްފަހު މި ސީޒަނުގެ އިނގިރޭސި ލީގުގެ ރަންބޫޓު ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޮޓެންހަމްގެ ފޯވާޑް ހޭރީ ކޭން ބުނެފިއެވެ.

އިނގިރޭސި ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި މިވަގުތު 29 ގޯލާއެކު އޮތީ ސަލާހުއެވެ. ދެވަނައިގައި 24 ގޯލާ އެކު ކޭން އޮތްއިރު ތިންވަނައިގައި 21 ގޯލާއެކު އޮތީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯއެވެ.

ސަލާހު އާއި ކޭންއާ ދެމެދު ފަސް ގޯލުގެ ތަފާތު މިވަގުތު ހުރިއިރު ކޭން ބުނީ މެޗުތަކެއް އަދިވެސް ކުރިއަށް ހުރުމުން ސަލާހު އަތުލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ސަލާހު އަތުލެވޭނެ ކަމަށް އަހަރެން ގަބޫލުކުރަން. މެޗުތައް އަދިވެސް އެބަހުރި ކުރިއަށް. އަހަރެން ފޯކަސް ކުރާނީ އަހަރެންގެ ގޭމަށް. ސަލާހު ކުރާ ކަމެއް އަހަންނަކަށް ނުހުއްޓުވޭނެ" ކޭން ބުންޏެވެ.

ރަންބޫޓު އަނެއްކާވެސް ލިބިއްޖެނަމަ އެކަމާ އުފާކުރާނެ ކަމަށާއި ސީޒަން ނިމެންދެން އެކަން ހާސިލުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ކޭން ބުންޏެވެ.

އިނގިރޭސި ލީގުގެ ރަންބޫޓު ފާއިތުވި ދެ ސީޒަނުގައި ވެސް ހޯދީ ކޭންއެވެ. ރަންބޫޓު މިފަހަރު ކޭން ހޯދައިފިނަމަ އޭނާ ވެގެންދާނީ ތިއެރީ އޮންރީ އަށްފަހު ރަންބޫޓު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އަނިޔާގައި ދުވަސްކޮޅަކަށް ހުރުމަށްފަހު ކޭން އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވާއިރު ޓޮޓެންހަމް އިން ލީގުގައި ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.