ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީން އުވާލާފައިވާ ކަމަށް ދައުވާ ކުރާ ވީއޭއެމްގެ އިންތިހާބީ ލީޑަޝިޕުން އޭޝިއަން ސެންޓްރަލް ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވެއްޖެ އެވެ.

އަންނަ މަހު ފަށާ މި މުބާރާތުގެ ހޮސްޓްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ވޮލީބޯޅަ އިދާރާއިން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ އެކްސްކޯގެ ބަދަލުގައި އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީއާއި މުއާމަލާތު ކުރާތީ އެކަމަށް ސަމާލުވާން އެދި އޭޝިއާގެ ވޮލީއާ ބެހޭ މައި އިދާރާ ކަމަށްވާ އޭވީސީން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އިންޒާރުދީފައިވާއިރު ސްޕޯޓްސް ކޮމިޝަނަރާާއި ނޯމަލައިޒޭޝަން ކޮމިޓީން ތިބީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުށައަޅާފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް ރާއްޖޭގެ ވޮލީގެ ޙާލަތަށް ރިއާޔަތްކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބަންގްލަދޭޝްގެ ފެޑެރޭޝަނުން ވަނީ ރާއްޖެ އަށް ދީފަ އެވެ. ކަންމިހެން އޮތްއިރު މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން، 40 ކުޅުންތެރިން ރެޖިސްޓްރީކުރުމަށް ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވާފައިވާ ކަމަށް ބުނެ ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް މިއަދު ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ނޯމަލައިޒޭޝަން ކޮމިޓީއަކީ ދުނިޔޭގެ ވޮލީއާ ބެހޭ މައި އިދާރާ އެފްއައިވީބީއާއި އޭވީސީން ގަބޫލުކުރާ ބައެއް ނޫން ހާމަކޮށްފައިވެ އެވެ. އަދި ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް، ނޯމަލައިޒޭޝަން ކޮމިޓީއާއި ނުކުރުމަށް އޭވީސީން ބަންގްލަދޭޝްއަށް ފޮނުވި ސިޓީއާ ގުޅިގެން ނޯމަލައިޒޭޝަން ކޮމިޓީއިން ބަންގްލަދޭޝްގެ ފެޑެރޭޝަނަށް ފޮނުވާފައިވާ ލިއުންތައް، އެ ފެޑެރޭޝަނުން އަނބުރާ އިންތިހާބީ ރައީސް ލަތީފުއަށް ފޮނުވާފައިވާކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އޮލިމްޕިކް ޗާޓަރާއި ޚިލާފަށް، ނޯމަލައިޒޭޝަން ކޮމިޓީން ވީއޭއެމްގެ އިންތިޚާބީ އެކްސްކޯގެ ބާރުތައް ކަނޑުވާލައިފައިވަނީ އެފްއައިވީބީގެ އުސޫލްތަކާއި އޮލިމްޕިކް ޗާޓަރާ ޚިލާފަށްކަމަށް ބަޔާންކުރައްވާ އެފްއައިވީބީ އިން ސިޓީއެއް ފޮނުވިކަމަށް ވެސް މިިއަދު ލަތީފު ފޮނުވި ސިޓީގައި ވަނީ ބަޔާން ކޮށްފަ އެވެ.

"ޤާނޫނުތަކާއި އޮލިމްޕިކް ޗާޓަރާއި ޚިލާފަށް މަނިކުފާނު ތަކުރާރުކޮށް ކުރައްވަމުން ތިޔަ ގެންދަވާ ކަންތައްތަކުން ދިވެހި ކުޅިވަރަށް މި އަންނަނީ އިންތިހާއަށް ގެއްލުންވަމުން. ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުގެ ކުރިމަތީގައި ރާއްޖެ މިއަންނަނީ ބަދުނާމުވެ ފަޞީލަތްވަމުން،" ލަތީފު މިއަދު ބޮޑު ހީނާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ވީއޭއެމްގެ ރައީސް ކަމުގައި ހުންނެވި، މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލުމަށް ފަހު އެ އިދާރާގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރީ މި އަހަރުގެ ޖޫން މަހު އެވެ. އެކަން ކޮށްފައިވަނީ ވީއޭއެމްގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވުމުން ކަމަށް ބުނެއެވެ.

އޭގެ ފަހުން މި މަހު ތެރޭގައި ބާއްވަން އޮތް ވީއޭއެމްގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ވަނީ ފަސް ކޮށްފި އެވެ. އިންތިހާބު ފަސްކޮށްފައިވަނީ އެ އިންތިހާބަކީ ސައްހަ އެއްޗެއް ކަމަށް ގަބޫލުނުކުރާނެ ކަމަށް އެފްއައިވީބީން އަންގާފައިވަނިކޮށެވެ.