ގައުމީ ފެތުމުގެ މުބާރާތް އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމެޖެހިފައިވާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޮންސަޝިޕްގެ ދަށުން ބާއްވާ 44 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ 11 ކެޓަގަރީއެއް ހިމެނެ އެވެ. އެގޮތުން މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އާއި 100 މީޓަރު ފްރީ ސްޓައިލް އާއި 100 މީޓަރު ބެކް ސްޓްރޯކް އާއި 100 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 100 މީޓަރު ބަޓަފްލައި އާއި 200 މީޓަރު ފްރީ ސްޓައިލް އާއި 400 މީޓަރު ފްރީ ސްޓައިލް އަދި 200 މީޓަރު އިންޑިވިޖުއަލް އިވެންޓް ހިމެނެ އެވެ.

ސީނިއާ ކެޓަގަރީތަކާއިނހިލާފަށް ޖޫނިއަރ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ ހިމެނޭ ކަމަށް ވެސް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.

ގައުމީ މުބާރާތް އަންނަ މަހު މެދުތެރޭގައި ބޭއްވުމަށް ސްވިމިން އެސސިއޭޝަނުން ތައްޔާރުވަމުން އަންނައިރު ބީއެމްއެލް ޤައުމީ ފުރަތަމަ ކިޑްސް ސްވިމިންގް ފެސްޓިވަލް ވެސް ނޮވެމްބަރު މަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން ފެށިގެން ތިން ވަނަ ދުވަހަށް ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މި މުބާރާތް ހާއްސަ ކުރެވިފައި ވަނީ 10 އަހަރުން ދަށުގެ ފެތުންތެރިންނަށެވެ.

ހުޅުމާލޭގައި އަލަށް ހުޅުވި ސިންތެޓިކް ސްވިމިންގް ޕޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 29 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.