ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް މުހައްމަދު އަޖުފާން ރަޝީދު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުން އަޖުފާން މޮޅުވީ ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދާ ވާދަކޮށެވެ. ނިބާލް އަކީ 2017 ވަނަ އަހަރުގެ ގަައުމީ މުބާރާތުގެ ތިން ވަނަ ހޯދުމަށްފަހު މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އަޖުފާން އާއި ދެކޮޅަށް ކުޅުނު ކުޅުންތެރިއާ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގަައި އަޖުފާން ފަސޭހަކަމާ އެކު ސީދާ ދެ ސެޓުން ނިބާލްގެ މައްޗަށް ކުރިހޯދި ނަމަވެސް މިފަހަރުގެ ފަައިނަލުގައި ޒުވާން ނިބާލް ވަނީ އަޖުފާނަށް ރަނގަޅު ފައިޓެއްދީފަ އެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު 21-16 އިން ގެންދިޔައީ އަޖުފާނެވެ. ދެވަނަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު އެންމެ ފަހު ވަގުތު ތަފާތު ދައްކައި ނިބާލް 21-19 އިން ސެޓު ގެންގޮސް އުއްމީދު އާކުރި އެވެ. މެޗުގެ ފަހު ސެޓުގައި އަޖުފާން ވަނީ އޭނާގެ ތަޖުރިބާގެ ބޭނުން ހިފައި 21-17 އިން ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރުވެސް ހޯދާފައިވަނީ ފާތިމަތު ނަބާހާ އަބްދުލްރައްޒާގް އެވެ. ނަބާހާ ގައުމީ ތަށި ދިފާއުކޮށްފައިވަނީ ފަައިނަލުގައި އައިމިނަތު ނަބީހާ އަބްދުލްރައްޒާގް ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓް ކާމިޔާބުކޮށްފައިވަނީ ހުސެއިން ޒަޔާން ޝަހީދު އާއި ފާތިމަތު ނަބާހާގެ ޕެއާ އިންނެވެ. ފައިނަލުގައި މި ދެކުޅުންތެރިންނާއި ވާދަކުރީ ހަސަން އަފްޝީން ޝަހީމް އާއި ނީލާ އަހުމަދު ނަޖީބްގެ ޕެއާ އެވެ. ފައިނަލް މެޗު ޒަޔާން އާއި ނަބާހާގެ ޕެއާ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ.

މިފަހަރުގެ މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މިއަހަރު އުފެދުނު ކްލަބެއް ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލުން ރިވައިވަލް މޮޅުވީ ސީއެސް ސްޕޯޓްސް ކްލަބާ ވާދަކޮށް 17-13 ޕޮއިންޓުންނެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކުރީ ފައިނަލުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް 17-13 ޕޮއިންޓުން ކުރިހޯދައިގެން ކްލަބް އޭދަފުއްޓެވެ.