ފަސް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރު ކުރަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.

ފުޓްބޯޅަ ދަނޑުތަކުގެ ސަބް ބޭސް ތައްޔާރު ކުރަން މިއަދު ހަވާލުކޮށްފައިވާ ރަށްތަކަކީ ނ. ކުޑަފަރީއާއި، ހދ. ކުޅުދުއްފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމުގެ އިތުރުން ހދ. ނެއްލައިދޫ އެވެ.

މި މަސައްކަތަށް ސްޕޯޓްސް މިނިސްޓްރީން އިޢުލާނު ކޮށްފައިވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ގައި މިއަދު އޮތް ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓްރ އައްޝަދު އަލީއެވެ.

މި ރަސްމިއްޔާތުގައި ޕްރޮޖެކްޓް ހިންގޭ ރަށްތައް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމުގެ މަސައްކަތަކީ ދަނޑުގައި ވިނަ އިންދުމަށްޓަކައި އެތަނުގައި ކުރަންޖެހޭ މަސައްކަތް ނުވަތަ ވިނަ އިންދުމަށް ބިންގަނޑު ތައްޔާރުކުރުމެވެ.

ފުޓްސަލް ދަނޑުތަކުގެ ބަދަލުގައި ކޮންމެ ރަށެއްގައިވެސް ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަކީ ސްޕޯޓްސް މިނިސްޓްރީން ހަލުވި ސްޕީޑެއްގައި ކުރަމުން އަންނަ މަސަތްކަތެކެވެ. މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގެ އިތުރުންވެސް މިނިސްޓްރީން ވަނީ މިދިޔަ ދެ މަސްދުވަހުގެ ތެރޭގަައި ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް އެމްޓީސީސީ އާއި ކޮންޓްރެކްޓް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ލ.ގަން، ގދ.ތިނަދޫ، ތ.ތިމަރަފުށި، ވ.ކެޔޮދޫ، ހއ.ހޯރަފުށި އަދި އައްޑޫ ސިޓީގެ ފޭދޫ، ގއ. ވިލިނގިލި، ސ.ހުޅުދޫ އަދި ރ. ދުވާފަރުގެ އިތުރުން ފުވައްމުލައް ސިޓީ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންނަ

    ފުޓުސަލް ދަނޑު ހެދުމުގެ ސަބަބުން ފުޓުބޯޅަ (ބޮޑު ފުޓުބޯޅަ) ނެތިގެން ދާތަން ފެނިގެން ހިގައްޖެ..