ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވެ މުހައްމަދު ނިޒާމް (ނިޒާމްބެ) ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެވެ.

މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ. ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވުމަށް ފަހު އެވެ.

“މިހާރު” ނޫހާއި ހަވާލާދީ ނިޒާމްބެ ބުނީ ބަންގްލަދޭޝުން އައި ހުށަހެޅުން ބަލައިގަންނަން ނިންމީ ރާއްޖޭން ބޭރުގެ ފުރުސަތަކަށްވުމާ އެކު މިއީ ކެރިއަރުގައި އިތުރަށް ކުރިއަށްދާން ވެސް ލިބޭ ފުރުސަތަކަށްވާތީ އެވެ. ނިޒާމްބެ ބުނީ އޭނާ ހުރީވެސް މިފަދަ ފުރުސަތެއް ލިބޭނެކަމުގެ އިންތިޒާރުގައި ކަމަށާއި ސައިފްގެ ހުށަހެޅުން ގަބޫލުކުރަން ނިންމީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ޓީސީ އަށް ނިޒާމްބެ ހޯދަައިދިންއިރު އޭނާގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

ޓީސީ ދޫކޮށްލުމަށްފަހު ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ރަނގަޅު ފެންވަރެއްގެ ޓީމެއް ތައްޔާރުކުރުމުގެ މަގްސަދުގައެވެ. ޒުވާން ގައުމީ ޓީމާއެކު ނިޒާމްބެގެ އެންމެ ފަހު ތަޖުރިބާއަކީ މިދިޔަ މަހު ކުރިއަށްދިޔަ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިން އެވެ.

ނިޒާމްބެ ބުނީ މިހާރު ހަމަޖެހިފައި އޮތްގޮތުން އަންނަ މަހު ފަސް ވަނަ ދުވަހު ސައިފް ޓީމާ ހަވާލުވާނެ ކަމަށެވެ. ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ. މި އަހަރުގެ ބަންގްލަދޭޝް ލީގު ފަށާނީ އަންނަ ޑިސެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ކަޑަގޮލައެއް.

 2. ާ

  ގަދަ ގޮލައެއް

  5
  2
 3. ކޮރަލް

  ކުރިއެރުން ބޭނުންނަމަ ރާއްޖެއިން ބޭރުން ލިބޭ ފުރުސަތު ތައް ބޭނުން ކުރަން ވީއެވެ. މަރުހަބާ އެވެ. އެހެން މީހުންވެސް ބޭރުން ފުރުސަތު ހޯދަން މަސައްކަތް ކުރަން ވީއެވެ.

 4. ސުރުމާ

  މިހާރު ރާއްޖޭގެ ކުލަބުތަކުގެ ފެންވަރު ރަގަޅުވެ ދިވެހި ކޯޗުންގެ އިސްކޮޅުކާ ހިސާބަށްވުރެ މަތިވެއްޖެ. ތިޔަނިމްމުން ވަރަށް ރަގަޅު.

  6
  1
 5. ރޮބާޓޯ ކާރލޯސް

  ގައުމީޓީމަށް ދިވެހި ކޯޗެއް ލާ ހިސާބަށް ދިޔައީދޯ. މޭން ޔޫ އިން ވެސް ނިޒާމްބެ ހޯދަން ވަަރަށް މަސައްކަތް ކުރިކަމަށްވަނީ.

  4
  2