އޭއެފްސީ ކަޕްގައި މިއަދު ނިއުރޭޑިއަންޓް ރަށުން ބޭރުގައި ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ނިކުންނާނެއެވެ.

މިއަދު ރާއްޖޭ ގަޑިން އިރުއޮއްސި 7:30 ގައި ބެންގަލޫރުގައި ކުޅުމަށް ހަމަޖެހިވާ މި މެޗް ޓީވީއެމް އާއި ޔެސް ޓީވީ އިން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު ނިއުރޭޑިއަންޓުން މި މުބާރާތުގައި މީގެ ކުރިން ކުޅެފައިވާ ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ.

ގްރޫޕް ސްޓޭޖްގައި ނިއު އެންމެ ފުރަތަމަ ބައްދަލުކުރީ ބަންގްލަދޭސްގެ އަބަހާނީއާއި ދެކޮޅަށެވެ. ރަށުން ބޭރުގައި ކުޅުނު އެމެޗް 0-1 އިން ނިއު އިން ކާމިޔާބު ކުރިއިރު ދެވަނަ މެޗް އިންޑިޔާގެ އައިޒައުލް އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅެ ނިއު އިން ކާމިޔާބްކުރީ 1-3 ގެ ނަތިޖާ އަކުންނެވެ.

މި މެޗަށް ޓަކައި ނިއުރޭޑިއަންޓް އިން މިދިހަ ހޮނިހިރު ދުވަހުގެ ރޭ ބެންގަލޫރަށް ފުރާފައިވާއިރު އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުންވެސް ހުރިހާ މުޙިއްމު ކުޅުންތެރިންނެއްވަނީ ބައިވެރިވެފައެވެ.

މި ގްރޫޕްގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ މި މެޗްގައި ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެޓީމެއް ގްރޫޕްގެ 1 ވަނައަށް ޖެހިލާނެއެވެ. ނިއުރޭޑިއަންޓް އަދި ބެންގަލުރު އެފްސީ އަށްވެސް މިހާރު ލިބިފައިވަނީ ކޮންމެ ޓީމަކަށްވެސް 6 ޕޮއިންޓެވެ.