މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީން 2-1 އިން ޖެނޯއާ ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޗެމްޕިއަން ޔުވެންޓަސް އިން ޖެހިލައިފި އެވެ.

ލީގުގައި އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ޔުވެންޓަސް އިން ރޭގެ މެޗަށް ނުކުތްއިރު ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ވާދަވެރި އިންޓަ މިލާނެވެ. ޖެނޯއާ އަތުން ލިބުނު މޮޅާއެކު ޔުވެންޓަސް އިން އަލުން އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި 21 ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ހަތަރު ވަނައިގައި ރޯމާ އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ އެޓީމުންނެވެ. ފުރަތަަމަ ހާފުގެ 36 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. މި ލަނޑާއެކު ބޮނޫޗީ ވެފައިވަނީ ސެރިއާގެ ފާއިތުވެދިޔަ ހަތް ސީޒަނުގައިވެސް ލަނޑުޖެހި ހަމައެކަނި ޑިފެންޑަރަށެވެ. އޭނާގެ ހުރިހާ ލަނޑުތަކެއް ވެސް ކާމިޔާބުކޮށްފައިވަނީ ކޯނަރުތަކުގައެވެ. ބޮނޫޗީގެ ލަނޑުން ޔުވެންޓަސް އިން ކުރިހޯދި ނަމަވެސް މާގިނަ އިރު ވަންދެން އެޓީމަށް ލީޑު ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޖެނޯއާ އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ކޯމޭ އެވެ.

ޖެނޯއާ އިން މެޗުގެ ދެ ވަަނަ ހާފްގެ ބޮޑުބައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ފްރެންޗެސްކޯ ކަސާޓާ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ 87 ވަނަ މިނިޓްގައި ޔުވެންޓަސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އަށް ވެސް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އިންޓަ ފަހަތަށް ޖައްސާލައި ތާވަލުގެ ކުރިއަށް އަރަން ޔުވެންޓަސް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގަ އެވެ. ޕްރެޝަރުގައި ޕެނަލްޓީ ކާމިޔާބުކުރަން މަޝްހޫރު ރޮނާލްޑޯ ވަނީ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.