އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ލީގް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.

ޗެލްސީގެ ސްޓަމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ލީޑުނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިއާ ޑެނިއަލް ޖޭމްސް އަށް ޗެލްސީގެ އޭރިއާތެރެއިން ޑިފެންޑަރު މާކޯސް އަލޮންސޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެއްގައި މި ލަނޑު ކާމިޔާބުކުރީ މާކަސް ރަޝްފޯޑެވެ.

މެޗުގެ ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑެއްގައި ޔުނައިޓެޑު އޮވެ ނިމިގެންދިޔައިރު ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި މިޝީ ބަޓްޝުއާޔީ އެވެ. ބެލްޖިއަމްގެ ކުޅުންތެރިއާ ޗެލްސީ އަށް އުއްމީދު އާކޮށްދިން ނަމަވެސް 73 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑް މޮޅުކޮށްދީފަ އެވެ. ޗެލްސީ ކައިރިން ޔުނައިޓެޑުން މި ހޯދި މޮޅާއެކު އެޓީމުން ވަނީ ޖެހިޖެހިގެން ދެ މެޗުގައި ސްޓްމްފޯޑް ބްރިޖްގައި ޗެލްސީ ބަލިކޮށްފައެވެ. މިއީ 1998 ވަނަ އަހަރު ފަހުން ޗެލްސީގެ ދަނޑުގައި ޖެހިޖެހިގެން ޔުނައިޓެޑް ދެ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ރަޝްފޯޑަށް ތައުރީފުކޮށްފަ އެވެ.

"ރަޝްފޯޑްގެ ދެވަނަ ލަނޑު ހީވަނީ ރޮނާލްޑޯ ޖެހި ލަނޑެއް ހެން. އެ ގޮތަށް ބޯޅައިގައި ޖެހުމަކީ ތަފާތު ޓެކްނިކެއް. މިދިޔަ ދެތިން މެޗުގައި ލިބުނު ޕެނަލްޓީތަކެއް ބޭކާރުކުރެވުމުން ރަޝްފޯޑްގެ ކޮންފިޑެންސަށް ވަރަށް ނޭދެވޭ އަސަރުކުރި. އެކަމަކު މިހާރު އޭނަ ވަރަށް ބޮޑަށް ރަނގަޅުކުރަމުން އަންނަނީ،" ސޯލްޝެއާ ބުންޏެވެ.

ލީގް ކަޕްގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީގައި ކުރިހޯދައިގެން ލިވަޕޫލުން އާސެނަލް ބަލިކުރިއިރު އެސްޓަން ވިލާ ވަނީ ވުލްވްސްގެ މައްޗަށް 2-1 އިން ކުރިހޯދާފަ އެވެ.

ލިވަޕޫލާއި އާސެނަލްގެ އިތުރުން އިނގިރޭސި ގަދަބާރުތަކުގެ ތެރެއިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ދެން ކުއާޓާގައި ހިމެނެނީ އެސްޓަން ވިލާ، ލެސްޓާ ސިޓީ، އެވަޓަން، ކޮލްޗެސްޓާ ޔުނައިޓެޑް އަދި އޮކްސްފޯޑް ޔުނައިޓެޑް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސީ

    1-2 މޮޅުވީމަ ބޮޑު މޮޅު؟ ހާދަ ބޮޑު މޮޅެކޭ

    5
    5
  2. ޢަފީފް

    ކާކު މީ ދެން ހަބަރު ލިޔަން