މި އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އެތުލެޓިކްސް ޓީމް ތަމްރީންތަކަށް އިންޑިއާ އަށް ފުރައިފި އެވެ.

ސާފް ގޭމްސް އަށް ތައްޔާރުވާން އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭން ބޭރަށް ތަމްރީނަށް ފޮނުވި ދުވުންތެރިންނަކީ އިންޑިއާގެ ޕަޓިއާލާ އަށް ފޮނުވި ދެ ސްޕްރިންޓް ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އިބާދުﷲ އާދަމް އާއި މިޑްލް ޑިސްޓެންސް ދުވުންތެރިން ކަމަށްވާ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި ހުސެއިން ރިޒާ (ކުޑަރިޒާ) ކެންޔާ އަށް ފޮނުވި މެރެތަން ދުވުންތެރިޔާ ޝިފާޒް މުހައްމަދެވެ.

ރާއްޖޭން ބޭރަށް ދިޔަ ދުވުންތެރިންގެ ތެރެއިން އިންޑިއާގެ ޕަޓިއާލާ އަށް ދިޔަ ދުވުންތެރިން ތަމްރީން ހަދާނީ އެތަނުގައި ހުންނަ މުޅި އިންޑިއާ އިންވެސް ފާހަގަކޮށްލެވޭ އެންމެ ފެންވަރު ރަނޅު އެއް ޓްރެއިނިން ސެންޓަރުގަ އެވެ.

އެތަނަށް ދިޔަ ހަތަރު ދުވުންތެރިންގެ ތެރެއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ވަނީ އެންމެ ފަހުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ޖުލައި މަހު މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ސާއިދަށް ލިބުނީ ހަތަރު ވަނަ އެވެ.

ޕަޓިއާލާ އިން ތަމްރީން ހޯދާ ދުވުންތެރިންގެ ތެރެއިން އިބާދުﷲ އާދަމް އަކީ ރިލޭ ޓީމުގެ ދުވުންތެރިޔެކެވެ. މިޑިލް ޑިސްޓެންސް ދުވުންތެރިއާ ހުސެއިން ރިޒާ އަކީ 800 މީޓަރުގައި ފާހަގަކޮށްލެވޭ ދުވުންތެރިއެކެވެ. އަދި ހުސެއިން ފަޒީލް ހާރޫނަކީ 5000 މީޓަރު ދުވުމާއި 10000 މީޓަރު ދުވުމުގައި ޓްރެކް އަދި ރޯޑް އިވެންޓުގައި ވެސް ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކުގެ މެދުގައި ބާއްވާ ގޭމްސް ފެށެން ބާކީ މަހެއްހާ ދުވަސް އޮތް އިރު، ގައުމީ އެތުލެޓިކްސް ޓީމަށް އެކަށީގެންވާ ތަމްރީންތައް ނުލިބުމުގެ ސަބަބުން މިފަހަރުގެ ގޭމްސްގައި މެޑަލްތަކަށް ރާއްޖެ އިން ކުރަމުން އައި އުންމީދު ވަނީ ކުޑަވެފައެވެ.

އެތުލެޓިކްސް އަކީ ރާއްޖެއިން އެންމެ ގިނަ ކާމިޔާބީތައް މިހާތަނަށް ހޯދާފައިވާ ކުޅިވަރު ކެޓެގަރީ އެވެ. އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އެންމެ ފަހުގެ ދެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާތީވެ އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިން އުއްމީދޮށްގެން ތިބީ މިފަހަރުގެ ސާފް ގޭމްސްގައި މަދުވެގެން ތިން މެޑަލް ހޯދުމުގެ އަމާޒަކަށެވެ.