އިޓަލީގެ ޔުވެންޓަސް އަކީ އެންމެ ފަހު ސިކުންތާއި ޖެހެންދެން ވެސް އަމާޒަށް ވާސިލްވުމަށްޓަކައި ހިތްވަރާއެކު މަސަތްކަތް ކުރާ ޓީމެއް ކަމަށް އެޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އިޓާލިއަން ސެރިއާއޭގައި ޔުވެންޓަސް ވަނީ ރޭ 2-1ގެ ނަތީޖާއަކުން ޖެނޯއާ ބަލިކޮށް އަލުން އެނބުރި ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. ލީގުގައި އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ ޔުވެންޓަސް އިން ރޭގެ މެޗަށް ނުކުތްއިރު ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ވާދަވެރި އިންޓަ މިލާނެވެ. ޖެނޯއާ އަތުން ލިބުނު މޮޅާއެކު ޔުވެންޓަސް އިން އަލުން އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި 21 ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ހަތަރު ވަނައިގައި ރޯމާ އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުން ތިން ޕޮއިންޓް ޔުވެންޓަސް އަށް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަކީ ޕްރެޝަރު އެންމެ ބޮޑުވެފައި އޮންނަ ވަގުތު ލަނޑު ޖަހައި ޓީމު މޮޅުކޮށްދޭން މަޝްހޫރު ކުޅުންތެރިއެކެވެ. ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އޭނާގެ އިތުރުން އެޓީމުގެ އެހެނިހެން ކުޅުންތެރިންނަކީވެސް މެޗުގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ހިތްވަރުލާ ބައެއް ކަމަށެވެ.

“ މި ޓީމަކީ ތަފާތު ޓީމެއް. ރޭގަ އަހަރެމެން ކުޅުނީ ވަރަށް އޯގަނައިޒްޑްކޮށް ކުޅުނު ޓީމަކާ ދެކޮޅަށް. ވަރަށް އުފާވެއްޖެ ތިން ޕޮއިންޓް ލިބުމުން. ހަގީގަތުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން މަސަތްކަތް ކުރުމުގެ ނަތީޖާ މިއީ. މިޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް ފަހު ވަގުތާއި ހަމައަށް މޮޅުވާން މަސަތްކަތްކުރާ ބައެއް. އެއީ ވަރަށް މުހިއްމު ކަމެއް، “ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ރޭގެ މެޗުގައި ޔުވެންޓަސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ލީގުގެ ކޮންމެ މެޗެއްގައިވެސް ފެންނަޖެހޭ ކަމަށާއި ބަލިވެފަައި އޮންނަ ވަގުތުތަކުގައި އެހާލަތުން އަރައިގަނެވޭނީ ހިތްވަރު އެލުވާނުލައި މަސަތްކަތްކޮށްގެން ކަމަށެވެ. ރޮނާލްޑޯ ބުނީ މޮޅެތި ޓީމްތައް ދެން ތިބޭ ޓީމުތަކާއި ތަފާތުވަނީ މިފަދަ ކަންތައްތަކުގެ ސަބަބުން ކަމަށާއި މޮޅު ޓީމްތަކުގެ ހާއްސަކަމަކީ ވޯކް ރޭޓް ކަމަށެވެ.