އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ އެއްވަރުވި މެޗުގައި އޭނާގެ ފަރާތުން ފެނުނު އަމަލުތަކަކީ ތަކުރާރުކޮށް އެ ޓީމުގެ ސަޕޯޓަރުން އޭނާއާ މެދު ކުރަމުން އަންނަ ކަންތައްތަކުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ބުނެ އާސެނަލްގެ ކެޕްޓަން ގްރޭނިޓް ޝަކާ މާފަށް އެދިއްޖެ އެވެ.

ސްވިޓްޒަލަންޑްގެ ގައުމީ ޓީމްގެ ވެސް ކެޕްޓަން ޝަކާ ޕެލަސް މެޗުގެ ދެވަނަ ހާފުގައި ބަދަލުކުރި ވަގުތު އާސެނަލްގެ ސަޕޯޓަރުން ވަނީ އޭނާއާ ދިމާކޮށްފަ އެވެ. އެ ވަގުތު ޝަކާ ވަނީ ރުޅި އައިސް ހަޑި ހުތުރު ބަހެއް ސަޕޯޓަރުންނާއި ދިމާލަށް ބޭނުންކޮށްފަ އެވެ. އަދި ދަނޑުން ފޭބިއިރު އޭނާ ވަނީ ރުޅިވެރިކަމާއެކު ޖާޒީ ވެސް ބާލާއެވެ.

އެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނޭ އެމެރީ ވަނީ ޝަކާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. ޝަކާގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމާއި އޭނާގެ ޕާފޯމެންސްތައް ކުރިނާރާތީ ކްލަބުގެ ސަޕޯޓަރުން އަބަދުވެސް އޭނާ އަށް ފާޑުކިޔައެވެ.

ޕެލަސް މެޗުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު ކްލަބާއި ސަޕޯޓަރުންގެ އަރިހުން މާފަށް އެދެން ޝަކާ އަށް އެންގުމުން އޭނާ ވަނީ އެންމެ ފުރަތަމަ އެ ގޮތަށް އަމަލުކުރަން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ރޭ ކްލަބްގެ މެނޭޖްމަންޓްގެ ޕްރެޝަރާ އެކު ޝަކާ ވަނީ އެންމެ ފަހުން މައާފަަށް އެދިފައެވެ.

ޝަކާ އޭނާގެ އިންސްޓަގްރާމްގައި ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަކީ ކްލަބްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން އޭނާ އަށާއި އޭނާގެ އާއިލާ އަށް ކުރިމަތިކުރުވަމުން އަންނަ ކަންތައްތަކުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ.

"އަހަރެން މި ކްލަބް ދެކެ ލޯބިވޭ. އަބަދުވެސް 100 ޕަސެންޓް ދެން ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް. އަހަރެންގެ ފަރާތުން އެ އަމަލުތައް ފެނުނީ ތަކުރާރުކޮށް މެޗުތަކުގަޔާއި ސޯޝަލް މީޑިއާގައި އަހަންނަށް އަމާޒުކޮށް ހަޑިހުތުރު ގޮތަކަށް ދިމާކުރާތީ. މިގޮތަށް މިދިޔަ ދުވަސްތަކުގައި ކަންތައްތައް ވާތީ އަހަންނަށް ވަރަށް އަސަރުކޮށްފި. ބައެއް މީހުން އެބަހުރި އަހަރެންގެ ފައި ބިންދާލާނެ ކަމަށް ބުނެފައި. އަދި އަހަރެންގެ ދަރިފުޅަށް ކެންސަރު ޖެހޭނެނަމަ ހާދަ ރަނގަޅޭ ބުނެފައި. އަހަރެންގެ އާއިލާ އަށް މަރުގެ އިންޒާރުދީފައި. އެ ހުރިހާ ކަމެއް އެ ވަރުވެގެން އަހަރެންގެ ރުޅި ގަނޑު ކޮންޓްރޯލުން ނެއްޓީ."

ޝަކާ ބުނީ ފުޓްބޯޅައިގެ އިތުރުން ކޮންމެ ކަމެއްގައި ވެސް ކުރަން ޖެހޭނެ ކަމަކީ އިހުތިރާމްކުރުން ކަމަށާއި އެ ގޮތަށް އާސެނަލާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި އެންމެން އެކުގައި ޕޮޒިޓިވްކޮށް ކުރިއަށްދާން ޖެހޭ ކަމަށް ޝަކާ ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން އާސެނަލާ ގުޅުނު ޝަކާ އަށް ކްލަބުގެ ކެޕްޓަންކަން ދިނުމާ އާސެނަލްގެ ބައެއް ސަޕޯޓަރުން ކުރިން ވެސް ދެކޮޅު ހެދި އެވެ. އަދި މިހާރު ޝަކާގެ ބޭންޑް އަތުލައި ކްލަބުން އޭނާ ބޭރުކުރަން ވެސް ބައެއް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އެންމެ ފަހުން ލީގު ކަޕްގައި ބުދަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ކައިރިން އާސެނަލް ބަލިވި މެޗުގައި އުމުރުން 27 އަހަރުގެ ޝަކާ ނުކުޅެ އެވެ.