ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރުވީ ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ބެލެހެއްޓި، އަދި ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިއަދު އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގަ އެވެ.

ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން ބުނީ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މިއީ އެ ފިޔަވަޅު ނަގަން އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

އިމްރާން ބުނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ތަޖުރިބާކުރީ ކާމިޔާބު އަހަރުތަކެއް ކަމަށާއި ކެރިއަރުގައި އުސްމިންތަކަކަށް ވާސިލްވެވުނީ ދިވެހި ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ލޯތްބާއި ބެހެެއްްޓެވި ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ. އިމްރާންގެ ޕޯސްޓްގައި އޭނާ ވަނީ ފުޓްބޯޅަ ކެރިއަރުގައި މިވީ ވިއްސަކަށް އަހަރުގައި އެކިގޮތްގޮތުން އޭނާ އަށް އެހީތެރިވެފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

"ވަކިވަކިން އެންމެންނަށް ޝުކުރިއްޔާ. އަދި ފުޓްބޯޅަ ކެރިއަރުގައި އަހަންނަށް އެހީވެދިން ހުރިހާ އެންމެންނަށް ވެސް ޝުކުރުއަދާކުރަން،" އިމްރާން ބުނެފައިވެ އެވެ.

ދިވެހި ގައުމީ ގޯލު އެތައް އަހަރުތަކެއްވަންދެން ސާބިތުކަމާއެކު ބެލެހެއްޓި އިމްރާން އިތުރަށް ބުނީ އޭނާގެ އުއްމީދަކީ ދިވެހި ފުޓްބޯޅައިގަައި ހުނަރުން ފުރިގެންވާ މޮޅެތި ގޯލްކީޕަރުން ކުރިއަށްއޮތް ތަނުގައި އުފެދިގެން ދިއުން ކަމަށާއި އަބަދުވެސް އެދެނީ ދިވެހި ފުޓްބޯޅަ އަށް ކާމިޔާބީ ކަމަށެވެ.

“ އަހަރެންގެ އުއްމީދަކީ ހުނަރުވެރި ޒުވާން ގޯލްކީޕަރުން މިގައުމުގައި އުފެދިގެންދިއުން. އަހަރެން އަބަދުވެސް އެދެނީ ދިވެހި ފުޓްބޯޅަ އަށް އުފާވެރިކަން. އަހަރެންގެ ހެޔޮއެދުންތައް އަބަދުވެސް އޮންނާނީ ދިވެހި ފުޓްބޯޅަ އާއިލާއާ އެކު. ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް އެރުމުގެ ތައުފީގް މާތްﷲ ދެއްވާށި. އިރާދުކުރެއްވިއްޔާ ދިވެހި ފުޓްބޯޅަ މިއަށްވުރެ މަތީ ފަންތިއަށް ވާސިލްވާނެ، “ އިމްރާން އޭނަަގެ ފޭސްބުކްގަައި ލިޔެފައިވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން 2016 ގަައި ރިޓަޔާކުރި އިމްރާން އެއްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ އޭނާ މިހާރު ކުޅެމުން އަންނަ ޓީސީ ސްޕޯޓްސްގެ ކޮންޓްރެކްޓް ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ.

އިމްރާން އޭނާގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ 1999 ވަނަ އަހަރު އެވެ. އޭނާގެ ފުޓްބޯޅައިގެ ހުނަރު އެންމެ ފުރަތަމަ ފާހަގަކުރެވުނީ ޖެހިގެން އައި އަހަރު ގައުމީ ޖާޒީގައެވެ. އިމްރާން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އެ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ އާއި ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ. އަދި އެ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު އިމްރާން ވަނީ މޮޅު ކުޅުމެއް ދަައްކާފަ އެވެ.

އިމްރާން ވަނީ ގައުމީ ޖާޒީގަަައި ހަ ފަހަރެއްގެ މަތިން ސަރަހައްދުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ. އޭގެ ތެރެއިން އަމިއްލަ ފަސްގަނޑުގައި 2008 ވަނަ އަހަރު އޮތް މުބާރާތް ރާއްޖެ އިން ކާމިޔާބުކުރިއިރު އިމްރާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

އިމްރާންގެ ކެރިއަރުގައި އޭނާ ވަނީ އީގަލްސް، ވިކްޓްރީ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ކާމިޔާބު ކްލަބް ކެރިއަރުގައި އޭނާ ވަނީ ދެ ކްލަބަކާއެކު ގަަައުމީ ތަށި މިލްކު ކޮށްފައެވެ. 2002 ވަނަ އަހަރު ވިކްޓްރީއާ އެކު ގައުމީ ތަށި މިލްކުކުރުމަށްފަހު 2014 ވަނަ އަހަރު އޭނާ އެކަން ތަކުރާރުކުރީ ނިއުއާ އެކު އެވެ. މީގެ އިތުރުން ނިއު އިން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.

އިމްރާން ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ދެކުނު ކޮރެއާއާ ރާއްޖެ އެއްވަރުކުރި މެޗުގައި ގައުމީ ގޯލު ބެލެހެއްޓުމުގަައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކާފައެވެ. ގައުމީ ޓީމްގެ ވައިސް ކެޕްޓަން ކަން ވެސް ކޮށްފައިވާ އިމްރާން އަކީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް ޓީމުން އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިއާ އެވެ.

ފަހަކަށް އައިސް އިމްރާން އަންނަނީ ޒުވާން ކުޅުންތެރިން ބިނާކުރުމުގެ މަގްސަދުގައި އަމިއްލަ ރަށުގައި ފުޓްބޯޅަ ތަރައްގީކުރަން މަސައްކަތްކުރަމުންނެވެ.