އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކްރިސްޓަލް ޕަލަސްއާ އެއްވަރުވި މެޗުގައި ކަންތައްކުރި ގޮތުން ސްކޮޑުން ބާކީކޮށްފައިވާ އާސެނަލްގެ މިޑްފީލްޑަރު ގްރާނިޓް ޝަކާ އަށް ދެން އެންމެ ރަނގަޅުވާނީ ކްލަބު ދޫކޮށް ރަނގަޅު އެހެން ކްލަބަކަށް ބަދަލުވުން ކަމަށް ވެސްޓް ހަމް ޔުނައިޓެޑްގެ ކެޕްޓަން މާކް ނޮބްލް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ލީގުގައި ޕަލަސްއާ ވާދަކުރި މެޗުގައި އާސެނަލުން ދެ ލަނޑު ޖަހާފައިވަނިކޮށް ޝަކާ ބަދަލުކުރީ 2-2 އަށް މެޗުގެ ނަތީޖާ ޕެލަސް އިން އެއްވަރުކުރި ފަހުންނެވެ. އޭނާ ދަނޑުން ފޭބި ވަގުތު ސަޕޯޓަރުން ވަނީ އޭނާއާ ވަރަށް ބޮޑަށް ދިމާކޮށްފަ އެވެ. އެ ވަގުތު ޝަކާ ވަނީ ރުޅިވެރިކަމުގެ އިޝާރާތެއްކޮށް ހަޑި ހުތުރު ބަހެއް ބޭނުންކޮށް އަދި ޖާޒީ ބަލައި އަތަށް ބޮނޑިކޮށްލައިފަ އެވެ. މެޗަށް ފަހު އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ ޝަކާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

ޝަކާގެ ވާހަކަދައްކަމުން ވެސްޓް ހަމްގެ ކެޕްޓަން ނޮބްލް ބުނީ ޕަލަސް މެޗުގައި ޝަކާގެ ފަރާތުން ރުޅިވެރިކަން ފެނިގެންދިޔައީ ފުދޭވަރަކަށް ބޮޑުކޮށް ކަމަށާއި ނަމަވެސް އޭނާ އާއި ދޭތެރޭ ކްލަބްގެ ބައެއް ސަޕޯޓަރުންގެ އަމަލުތައް ހުންނަގޮތުން ބައެއް ފަހަރު ދެެރަވެސްވާ ކަމަށެވެ. ނޮބްލް ބުނީ ޝަކާ އަށް އެގަޑީ ކުރިމަތިވީ ކިހާވަރެއްގެ ޕްރެޝަރެއްކަން އޭނާ އަށް އިހުސާސްކުރެވޭ ކަމަށާއި ކެޕްޓަނަކަށްވުމުން ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވާ ޕްރެޝަރު ބޮޑުވެގެންދާ ކަމަށެވެ.

” އެގަޑީ ވަރަށް ބޮޑުކޮށް ޝަކާގެ ރިއެކްޝަން އައީ. އަހަރެން ދެރަވެސްވޭ އޭނާއާއި ދޭތެރޭ ބައެއް މީހުން ކަންތައްތައް ބަހައްޓާ ގޮތުން. އަހަރެން ތަޖުރިބާ ކުރިން އެކަންތައް. ކެޕްޓަނަކަށްވުމުން ބޮޑު ޕްރެޝަރެއް އެ ކުރިމަތިވަނީ ހަގީގަތުގަައި. ތިމާގެ ބެސްޓް ޓީމަށް ދިނުމަށްޓަކައި ގަދައަޅައި މަސަތްކަތްކުރަމުންދާއިރު ސަޕޯޓަރުން ދިމާކުރަންޏާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ގެއްލޭނެ. މިކަން ރަނގަޅުވާން އޮންނަ ގޮތަކީ ރަނގަޅު ނަތީޖާތަކެއް ނެރުން. އެހިސާބުން ސަޕޯޓަރުންވެސް ރަނގަޅުވާނެ، ” ނޮބްލް ބުންޏެވެ.

ނޮބްލް އިތުރަށް ބުނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭއިރު ޕްރެޝަރާއި ކުރިމަތިލާންވެސް ޖެހޭނެކަމަށާއި ސަޕޯޓަރުން އެތަކެއް ފައިސާއެއް ހަރަދުކޮށްލުމަށްފަހު ދަނޑަށް ދަނީ އެމީހުންގެ ކްލަބްގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމަކަށް އުއްމީދުކޮށްގެން ކަމަށެވެ. ނޮބްލް ބުނީ ޝަކާގެ ފަރާތުން މިސްޓޭކްސްތައް ތަކުރާރުވަމުންގޮސް ސަޕޯޓަރުން މިހާރު ތިބި ހިސާބުން އަލުން ޝަކާ އަށް ފުރިހަމަ އެއްބާރުލުން އެމީހުން ނުދޭނެތީ އޭނާ އަށް ދެން އެންމެ ރަނގަޅީ އާސެނަލް ދޫކޮށްލުމަށްފަހު އޭނާ ބަލައިގަންނާނެ ފަދަ ކްލަބަކަށް އަވަހަށް ބަދަލުވުން ކަމަށެވެ.

“ ސަޕޯޓަރުން ބުރަ މަސަތްކަތުން ހޯދާ ފައިސާ ހަރަދުކޮށްލުމަށްފަހު ދަނޑަށް މިދަނީ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނޭތޯ. އެހެންކަމުން އެތަން އެމީހުންނަށް ނުފެންނަ ނަމަ އެކަމުގެ ނުރުހުން ކޮންމެގޮތެއްވިޔަސް އެމީހުން ފާޅުކުރާނެ. ޝަކާ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާގެ ދަނޑުމަތީގެ ޑިސިޕްލިން ނުހިފެހެއްޓި މިސްޓޭކްސްތައް ތަކުރާރުވަމުންގޮސް އަނެއްކޮޅަށް ޖަހާފަ މިހާރު އެހުރީ. އޭނާ އަށް ދެން އެންމެ ރަނގަޅީ އާސެނަލް ދޫކޮށްލަން. އެ ކްލަބް ދޫކޮށް އޭނާ ބަލައިގަންނާނެ ކްލަބަކަށް ބަދަލުވާން. އެފަދަ ބައިވަރު ކްލަބްތައް ހުންނާނެ، “ ނޮބްލް ބުންޏެވެ.

ޝަކާގެ ފަރާތުން ފެނުނު އިހުތިރާމްކުޑަ އަމަލުތަކަށް މާފަށް އެދެން ކްލަބުން އޭނާ އަށް ހުށަހެޅި ނަމަވެސް އެ ގޮތަށް އަމަލުކުރަން ޝަކާ އެންމެ ފުރަތަމަ ދެކޮޅު ހެދިއެވެ. އެކަމަކު ކްލަބްގެ މެނޭޖްމަންޓްގެ ޕްރެޝަރާ އެކު ބުރާސްފަތި ދުވަހު ޝަކާ އޭނާ އަށް ކުރެވުނު ކުށައް މައާފަށް އެދި ބަޔާނެއް ނެރުނުއިރު ޕަލަސް މެޗުގައި އެހެން ކަންތައްކުރެވުނީ އާސެނަލް ސަޕޯޓަރުންގެ އަމަލުތައްވެސް ފަހަކަށް އައިސް ހުންނަގޮތުން ކަމަށް ބުނެ ޝަކާ ވަނީ ދިފާއުގައި ވާހަކަ ވެސް ދައްކައިފަ އެވެ.

ޝަކާ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަކީ ކްލަބްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން އޭނާ އަށާއި އޭނާގެ އާއިލާ އަށް ކުރިމަތިކުރުވަމުން އަންނަ ކަންތައްތަކުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ.

އަހަރެން މި ކްލަބް ދެކެ ލޯބިވޭ. އަބަދުވެސް 100 ޕަސެންޓް ދެން ދަނޑުމަތީގައި ވެސް ދަނޑުން ބޭރުގައި ވެސް. އަހަރެންގެ ފަރާތުން އެ އަމަލުތައް ފެނުނީ ތަކުރާރުކޮށް މެޗުތަކުގަޔާއި ސޯޝަލް މީޑިއާގައި އަހަންނަށް އަމާޒުކޮށް ހަޑިހުތުރު ގޮތަކަށް ދިމާކުރާތީ. މިގޮތަށް މިދިޔަ ދުވަސްތަކުގައި ކަންތައްތައް ވާތީ އަހަންނަށް ވަރަށް އަސަރުކޮށްފި. ބައެއް މީހުން އެބަހުރި އަހަރެންގެ ފައި ބިންދާލާނެ ކަމަށް ބުނެފައި. އަދި އަހަރެންގެ ދަރިފުޅަށް ކެންސަރު ޖެހޭނެނަމަ ހާދަ ރަނގަޅޭ ބުނެފައި. އަހަރެންގެ އާއިލާ އަށް މަރުގެ އިންޒާރުދީފައި. އެ ހުރިހާ ކަމެއް އެ ވަރުވެގެން އަހަރެންގެ ރުޅި ގަނޑު ކޮންޓްރޯލުން ނެއްޓީ."

ޝަކާ ބުނީ ފުޓްބޯޅައިގެ އިތުރުން ކޮންމެ ކަމެއްގައި ވެސް ކުރަން ޖެހޭނެ ކަމަކީ އިހުތިރާމްކުރުން ކަމަށާއި އެ ގޮތަށް އާސެނަލާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި އެންމެން އެކުގައި ޕޮޒިޓިވްކޮށް ކުރިއަށްދާން ޖެހޭ ކަމަށް ޝަކާ ބުންޏެވެ. މައާފަށް އެދުނުކަމުގައިވިޔަސް އާސެނަލް ލީގުގައި ކުރިއަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނެގި ސްކޮޑްގައި ޝަކާ ހިމަނާފައިނުވެ އެވެ.