ފްރާންސް ފުޓުބޯޅައިގެ ފަރާތުން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު، ބެލޮންޑިއޯ އެވޯޑު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފަހަރަށް ނުލިބެނީ "ފުޓުބޯޅަ މާފިއާ" ގެ ސަބަބުން ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ ބުނެފިއެވެ.

ބެލޮންޑިއޯ އެވޯޑު މިހާތަނަށް 5 ފަހަރު ހާސިލްކޮށްފައިވާ ތަރިއަށް އެއަށްވުރެ ގިނައިން އެ އެވޯޑު ލިބެން ޖެހޭކަމަށް ރޮނާލްޑޯގެ މަންމަ، ޑޮލޮރެސް އަވެއިރޯ ޤަބޫލުކުރެއެވެ. ދާދިފަހުން އިއުލާންކުރި މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ޝޯޓްލިސްޓުގައި ރޮނާލްޑޯ ވަނީ ހިމެނިފައެވެ. އެކަމަކު ރޮނާލްޑޯގެ މަންމަ ޤަބޫލުކުރަނީ ފަރުދާގެ ފުރަގަހުގައި ރޮނާލްޑޯއާ ދެކޮޅަށް ބަޔަކު މަސައްކަތް ނުކުރާނަމަ، އޭނާގެ ދަރިފުޅަށް މިހާރު ލިބޭ ކާމިޔާބީތަކަށްވުރެވެސް އިތުރަށް ކާމިޔާބީތައް ލިބޭނެ ކަމަށެވެ.

"ފުޓުބޯޅަ މާފިއާއެއް އޮވޭ. އެއީ މިކަން އެންމެ ރަނގަޅަށް ބުނެދެވޭނެ ގޮތަކީ. މިހާތަނަށް ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލާނަމަ އޭނާއަށް ގިނަ އެވޯޑު ނުލިބިގެން އުޅެނީ އެކަމަކާ ހެދި. ރޮނާލްޑޯ އަކީ އިނގިރޭސި ނޫނީ ސްޕެއިން ރައްޔިތެއް ނަމަ، އެމީހުން އެކުރާ ކަންތައްތަކެއް ނުކުރާނެ. އެކަމަކު، އޭނާ އަކީ ޕޯޗުގަލްގެ، އަދި މެޑެއިރާއަށް އުފަންވި މީހަކަށްވާތީ މިހެން ދިމާވަނީ." ޑޮލޮރެސް ބުންޏެވެ.

ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިހާރުވެސް އެންމެ ގިނަ ބެލޮންޑިއޯ ހާސިލްކޮށްފައިވާ އެއް ކުޅުންތެރިޔާއެވެ. ކްރިސްޓިއާނޯ ވަނީ މިހާތަނަށް 5 ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދައި، އާޖެންޓީނާގެ ތަރި، ލިއޮނެލް މެސީ އާއި އެއް އަދަދަކަށް އެ އެވޯޑު ހާސިލްކޮށްފައެވެ. ފަރަންސޭސިވިލާތުގެ ޕެރިސްގައި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ކުރީކޮޅު ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ހޯދާ ކުޅުންތެރިޔާ އިއުލާން ކުރެވިގެން ދާނެއެވެ.

މީގެ ކުރިން ވަކި ހިސާބަކަށް ފީފާ އާއި ގުޅިގެން ހޮވަމުން އައި "ފީފާ ބެލޮންޑިއޯ" އެވޯޑު ފީފާއާއި ވަކިކުރުމަށްފަހު މިހާރު އެވޯޑު ދެމުން ދަނީ ވަކިންނެވެ. މިއަހަރު ފީފާއިން ހޮވި ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު (ފީފާ ދަ ބެސްޓު އެވޯޑް) ހާސިލްކޮށްފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ޖާދޫގަރު ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ އާޖެންޓީނާއަށް އުފަން، ސްޕެއިންގެ ބާސެލޯނާގެ 10 ނަންބަރަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އެވެ. ބެލޮންޑިއޯ އެވޯޑަށްވެސް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ މެސީގެ އިތުރުން ލިވަޕޫލްގެ ޑިފެންޑަރު ވެން ޑައިކް އަދި ރޮނާލްޑޯއެވެ.