އިންގްލަންޑްގެ މައްޗަށް ކުރިހޯދައި ދެކުނު އެފްރިކާ އިން ރަގްބީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޖަޕާނުގަައި ކުރިއަށްދިޔަ ނުވަ ވަނަ ރަގްބީ ވޯލްޑް ޗެމްޕިއަންޝިޕްގެ ތަށި ދެކުނު އެފްރިކާ އިން އުފުލާލީ މިއަދު ކުޅުނު ފައިނަލް މެޗުގައި 2003 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި އިންގްލަންޑްގެ މައްޗަށް 32-12 އިން ކުރިހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ދެކުނު އެފްރިކާ އިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ބޮޑު ލީޑެއް ނަގާފައެވެ. ނުވަ ޕޮއިންޓްގެ ލީޑެއްގައި އެޓީމުން ކުޅެމުންދިޔައިރު އިންގްލަންޑްގެ ކުޅުންތެރިން ދިޔައީ ފަރަގު ކުޑަކުރުމަށްޓަކައި މަސަތްކަތްކުރަމުންނެވެ. އެޓީމުން ކުރި މަސަތްކަތުން ދެކުނު އެފްރިކާގެ ލީޑް ހަ ޕޮއިންޓަށް ކުޑަވިނަމަވެސް އިންގްލަންޑްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ކައިލް ސިންކްލާ އަށް ދެވަނަ ހާފުގަައި އަނިޔާވުމުން އެޓީމުގެ ކުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރިތަން ފެނިގެންދިޔައެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ދެކުނު އެފްރިކާ އިންވަނީ ވަރަށް އޯގަނައިޒްޑް ކުޅުމެއް ދައްކައި ފަހު ވަގުތު ލިބުނު ޕެނަލްޓީތަކުގެ ބޭނުން ހިފަައި ބޮޑު ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ.

މިއީ ރަގްބީ ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލަންޑް ނާކާމިޔާބުވި ތިންވަނަ ފަހަރެވެ. އަދި ދެކުނު އެފްރިކާ އަތުން ފައިނަލުގައި އެޓީމު ބަލިވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2007 ވަނަ އަހަރުގެ ފައިނަލުގައިވެސް އިނގިރޭސިން ވަނީ ދެކުނު އެފްރިކާ އާއި ވާދަކޮށް ބަލިވެފައެވެ. މިފަހަރުގެ ތައްޓާއެކު ދެކުނު އެފްރިކާ ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފަައިނަލް މެޗު ބަލާލުމަށްޓަކައި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޮނާކޯގެ ޕްރިންސް އަލްބާޓޯގެ އިތުރުން ޖަޕާނުގެ ރޯޔަލް ފެމިލީގެ ޕްރިންސް އަކިޝީނޯ ވެސް ބައިވެރިވެވަޑައިގެންނެވިއިރު ޓީވީ މެދުވެރިކޮށް ފައިނަލް މެޗު ވަގުތުން އެތައް މިލިއަން ބަޔަކު ވަނީ ބަލާފައެވެ.

ރަގްބީ ވޯލްޑް ކަޕަކީ ދުނިޔޭގައި މި ކުޅިވަރުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1987 ވަނަ އަހަރުއެވެ. އޭގެ ފަހުން ހަތަރު ގައުމަކުން މި މުބާރާތުގެ ތަށި އުފުލާފައިވާއިރު އެންމެ ކާމިޔާބު ޓީމުތަކަކީ ނިއުޒޭލެންޑާއި އެންމެ ފަހުގެ ޗެމްޕިއަން ދެކުނު އެފްރިކާ އެވެ.