ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމްގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީ އޭވީސީން ބަލައިނުގަތުމުން ކުރީގެ އިންތިހާބީ ކޮމިޓީން ކުރިއަށް އޮތް ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތުގައި ބައިވެރިވި ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު ނެތުމުން އެކްސްކޯގެ ރައީސް މުހައްމަދު ލަތީފް އެހީއަށް އެދި ކުޅިވަރު މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި އެވެ.

ކޮމިޝަނަރ އަހްމަދު ސަލީމް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އިންތިހާބީ އެކްސްކޯގެ ބަދަލުގައި އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީ ސައްޙަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނިންމި ނަމަވެސް ދުނިޔޭގެ ވޮލީއާއި ބެހޭ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ބަލައިގެންފައިނުވެ އެވެ.

އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީ ބަލައިގެންފައިނުވުމުން މި މަހު ބަންގްލަދޭޝްގައި އޮންނަ ސެންޓަރަލް ޒޯން އަންހެން ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމާއި ބެހޭ ކަންތައްތަކުގައި ނޯމަލައިޒޭޝަން ކޮމިޓީއާ ކުރާ މުއާމަލާތްތައް ބަލައި ނުގަންނަން އޭޝިއާގެ ވޮލީއާ ބެހޭ އިދާރާ އޭވީސީ އިން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން އޭވީސީން މުބާރާތުގެ ހޮސްޓް ބަންގްލަދޭޝަށް އަންގާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ބަދަލުގައި އިންތިހާބީ އެކްސްކޯ ނުވަތަ ލަތީފްގެ ލީޑަޝިޕްއާއި މުއާމަލާތު ކުރުމަށެވެ.

ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުށައަޅާފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް ރާއްޖޭގެ ވޮލީގެ ޙާލަތަށް ރިއާޔަތްކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބަންގްލަދޭޝްގެ ފެޑެރޭޝަނުން ވަނީ ރާއްޖެ އަށް ދީފަ އެވެ. މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން، 40 ކުޅުންތެރިން ރެޖިސްޓްރީކުރުމަށް ބަންގްލަދޭޝްގެ ފެޑެރޭޝަނަށް ލަތީފް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް މުބާރާތަށް ދިވެހި ޓީމު ފޮނުވުމަށާއި އިތުރު ހަރަދުތައް ކުރުމަށް ބަޖެޓު ނެތުމުން އެކަމަަށް ހައްލެއް ހޯދައިދިނުމަށް އެދި ލަތީފް ވަނީ ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވައިފަ އެވެ.

"ސްޕޯޓްސް ކޯޕަރޭޝަން އިސްވެ ހުރެ، ގަދަބާރުން ވޮލީ އެސޯސިއޭޝަނުގެ އިންތިހާބީ ކޮމިޓީ އުވާލީ 11 ޖޫން 2019 ވަނަ ދުވަހު. އޭރު މި އެސޯސިއޭޝަނުގެ އެކައުންޓުގައި ހުންނާނެ 65،000 ޔޫއެސް ޑޮލަރު. އެއީ މިފަދަ މުބާރާތްތަކަށް ބޭނުން ކުރުމަށް ހުރި ބެޖެޓް. އެކަމަކު އެ އެކައުންޓް ވެސް ބަންދުކޮށްފައި މިހާރު ހުރުމުން މުބާރާތަށް ދިއުމަށް ހަރަދު ކުރެވޭނެ ގޮތެއް ނެތް،" ލަތީފް މިއަދު މަހްލޫފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ލަތީފް އިސްވެ ހުރެ މުބާރާތުގައި ބައިވެރިވީ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޭނާ ބަލައި ނުގަންނަ ކަމަށް ވަނީ ނިންމައިފަ އެވެ. ކޮންގްރެސްގައި ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތް އަށް ކްލަބްގެ ތެރެއިން ވޯޓުގައި ބައިވެރިވި ހަ ކްލަބްގެ އިއްތިފާގުންނެވެ. ލަތީފްގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ދިވެހި ސިފައިންގެ ކްލަބުންނެވެ.