އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ވޮލްވަހެމްޓަން ވޮންޑަރާސް އިން ފަހަތުން އަރައި އާސެނަލް ހިފަހައްޓައިފި އެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. އާސެނަލުން މިރޭގެ މެޗާއި ކުރިމަތިލީ ގިނަ ދުވަސްތަކަކަށްފަހު ލީގު މެޗެއްގައި، އެޓީމުގެ ޖަރުމަނު ކުޅުންތެރިއާ މެސުޓް އޮޒިލް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

އިނގިރޭސި ލީގް ކަޕްގަައި އެންމެ ފަހުން އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި އޮޒިލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް އެޓީމުގެ ކޯޗު އުނޭ އެމެރީގެ ތައުރީފް އަމާޒުވެގެންދިޔައިރު އެ މެޗައްފަހު އެމެރީ ބުނީ މިހާރު ލީގު މެޗުތަކަށް އޮޒިލް ތައްޔާރު ކަމަށެވެ. މަަހަކަށްވުރެ ގިނަ ދުވަސް ފަހުން އޮޒިލް ލީގް މެޗެއްގައި ފެނިގެންދިޔައިރު މިރޭގެ މެޗުގައި މިޑްފީލްޑަރު ގްރާނިޓް ޝަކާ ނުކުޅެއެވެ.

މިރޭގެ މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒާންޑާ ލަކަޒަޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕިއެރޭ އެމެރިކް އޮބަމެޔާންގް އެވެ. ފުރަތަމަ ހާފު އާސެނަލް ނިންމާލީ 1-0 އިން ކުރީގައި އޮވެއެވެ.

މެޗުގެ ދެވަނަ ހާފު ވޮލްވްސް އިން ފެށީ ވަރުގަދަކޮށެވެ. ކުރިއަށްވުރެ ބޮޑަށް ޕްރެސްކޮށްގެން ވޮލްވްސް ކުޅުނުއިރު އެޓީމުން ވަނީ މިހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މެދުތެރެއިން އާސެނަލްގެ އަތުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ނަތީޖާ އެއްވަރުކުރުމަށްޓަކައި ވޮލްވްސް އިން ދިޔައީ ފުލުފުލުގައި މަސަތްކަތްކުރަމުންނެވެ. އެގޮތުން އެޓީމުގެ އަރިމަތިން ފޯވަޑް އެޑަމާ ޓްރައޯރޭ އާއި ޑިއޭގޯ ޖޯޓާ ދިޔައީ އާސެނަލްގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. ވޮލްވްސް އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މެޗު ނިމެން ފަނަރަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޖޯ މޫޓީނިއޯ ދިން ބޯޅައެއްގައި ރައުލް ހިމެނޭޒް އެވެ.

މި ނަތީޖާއާއެކު ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އާސެނަލުން ވަނީ ނަގާލާފައެވެ. މިވަގުތު 11 މެޗުން 17 ޕޮއިންޓް ލިބިގެން އެޓީމު ތާވަލުގެ ފަސްވަނައިގައި އޮތްއިރު ވޮލްސް ވަނީ 12 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައަށް ޖެހިލާފައެވެ.