އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަހަތުން އަރައި ސައުތޭމްޓަން ބަލިކޮށްފިއެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ސައުތޭމްޓަން އިން ލަނޑެއް ޖަހައި ކުރިހޯދިއިރު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ވޯޑް ޕްރޯސް އެވެ.

ލީގުގައި ލެސްޓާ އަތުން 9-0 އިން އަމިއްލަ ދަނޑުގައި ބަލިވި މެޗަށްފަހު ސައުތޭމްޓަން ކުޅުންތެރިންގެ ފަރާތުން މިރޭގެ މެޗުގައި ފެނިގެންދިޔަ ކުޅުމަށް ގިނަބައެއްގެ ތައުރީފް އަމާޒުވިއިރު އެޓީމުން ވަނީ މެޗުގެ 70 ވަނަ މިނެޓާއި ހަމައަށް ވަރުގަދަ ސިޓީގެ އެޓޭކްތައް ހުއްޓުވާފައެވެ. ސައުތޭމްޓަންގެ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ޑިފެންޑަރު ކައިލީ ވޯކާ ދިން ބޯޅައެއްގައި ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ.

އަގުއެރޯގެ ލަނޑަށްފަހު މެޗުން ތިން ޕޮއިންޓް ހޯދުމަށްޓަކައި ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ހަތަރު ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް މެޗުގައި މޮޅު ކުޅުމެއް ދެއްކި ވޯކާ ވަނީ ލަނޑެއް ޖަހަައި ޗެމްޕިއަނުންނަށް މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ސިޓީން ފަހަތުން އަރައި ތިން ޕޮއިންޓް ހޯދިއިރު ލީގް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް ވެސް މިރޭ ސަލާމަތްވީ ކިރިޔާ އެވެ. ލީގުގައި އަދި މިހާތަނަށް ބަލިވެފައިނުވާ ލިވަޕޫލަށް އެސްޓަން ވިލާ އަތުން މޮޅެއް ލިބުނީ ފަހު ވަގުތު ޖެހި ލަނޑުތަކުންނެވެ.

އެސްޓަން ވިލާގެ ޓްރެޒެގޭ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލީޑު ހޯދި ނަމަވެސް ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން ވަނީ މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭގެ އިރުކޮޅެއްފަހުން އެލެގްޒާންޑާ އަރްނޯލްޑް ދިން ބޯޅައެއްގައި ސާދިއޯ މާނޭ ވަނީ ލަނޑެއް ޖަހައި އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ނަތީޖާތަކާއެކު ލިވަޕޫލުން ވަނީ އިނގިރޭސި ލީގް ތާވަލުގައި އެޓީމުގެ އަތުގަައި އޮތް ހަ ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. 11 މެޗުން އެޓީމަށް 31 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި ސިޓީ އޮތީ 25 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި އަދި ހަތަރުވަނައިގައި އޮތް ޗެލްސީ އަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު މިދެޓީމު ކުޅެފައިވަނީ ދިހަ މެޗެވެ.