އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 2-1 އިން ވެޓްފޯޑް އަތުން މޮޅުވެ ޗެލްސީން ލީގުގަައި ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅާއެކު ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

ވިކަރޭޖް ރޯޑްގައި ކުޅުނު މެޗުގައި ޗެލްސީ އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޒުވާން ކުޅުންތެރިއާ ޓެމީ އަބްރަހަމް އެވެ. އަބްރަހަމްގެ ލަނޑަކީ މިސީޒަންގެ ލީގުގައި އޭނާ ކާމިޔާބުކޮށްދިން ނުވަ ވަނަ ލަނޑެވެ. ޗެލްސީން މެޗުގައި ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި އަބްރަހަމް ދިން ބޯޅައެއްގަައި ޖެހީ މިވަގުތު ރަނގަޅު ފޯމެއްގަައި ހުރި ކްރިސްޓިއަން ޕުލިސިކްއެވެ. ބޮރޫޝިއާ ޑޯޓްމަންޑް އިން ލަންޑަނަށް ބަދަލުވުމަށްފަހު ޗެލްސީގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ލިބުނު މަދު މެޗުތަކުގައި ޕުލިސިކް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލީގުގައި މިމަހު ބާންލީއާ ޗެލްސީ ވާދަކުރި މެޗުގައި އޭނާގެ ފަރާތުން ހެޓްރިކެއް ވެސް ފެނިގެންގޮސްފައިވެ އެވެ.

ރޭގެ މެޗުގަައި ވެޓްފޯޑުން ޖެހި ލަނޑު 80 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ޖެރާޑް ޑެއުލަފޫ އެވެ. މި ޕެނަލްޓީ އަކީ ޑެއުލަފޫ އަށް ޗެލްސީގެ އޭރިއާ ތެރެއިން އެޓީމުގެ މިޑްފީލްޑަރު ޖޯގީނިއޯ ކުރި ފަައުލަކާއި ގުޅިގެން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެންތޮނީ ޓެއިލާ ދިން ޕެނަލްޓީއެކެވެ.

މެޗައްފަހު ވާހަަކަ ދައްކަމުން ޗެލްސީގެ ކޯޗު ފްރާންކް ލަމްޕާޑް ބުނީ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފަހު ދިހަ މިނެޓު ތެރޭގައި ވަރަށް ބޮޑަށް ފަރުވާކުޑަ ކުރިތަން ފެނިގެންދިޔަ ކަމަށެވެ.

"އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. މެދުތެރެ ވަރަށް ބަރާބަރު. އެކަމަކު ފަހު ވަގުތު ފަރުވާކުޑަވީ. އެކަހަލަ ދަނޑިވަޅިތަކުގައި ގޯލްކީޕަރަށް ބަރޯސާވާން މިޖެހެނީ. ކެޕާ ދެން ރަނގަޅަށް ހޭންޑްްލް ކުރި އެ ޙާލަތު. އެކަމަކު މިފަދަ ކަންތައްތައް ތަކުރާރުވިޔަދީގެން ނުވާނެ. މޮޅަށް ކުޅެފަ ފަހު ވަގުތު ހެދޭ ގޯސްތަކަކުން މެޗު ގެއްލެން އަހަރެން ބޭނުމެއް ނޫން،" ލަމްޕާޑް ބުންޏެވެ.

މި މޮޅާއެކު ޗެލްސީން ތާވަލުގެ ތިންވަނަ އަށް ޖެހިލީ 11 މެޗުން 23 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ ފުލުގައި އޮތް ވެޓްފޯޑަށް ލިބިފައިވަނީ 11 މެޗުން ފަސް ޕޮއިންޓެވެ. ރޭ ކުޅުނު އެހެނިހެން މެޗުތަކަށްފަހު ލިވަޕޫލުން ވަނީ އެއް ވަނައިގައި 5 ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. އެޓީމު އެއްވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ރޭގެ މެޗު ކާމިޔާބުކުރި އިރު ސިޓީ އަށް 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.