ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ކޯޗުކަން ކޮށްދިނުމަށް ފުރުސަތު ލިބުނު ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފެއާވެލް މެޗެއް ކުޅެފިއެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެމުންދިޔަ ނިޒާމްބެ ބަންގްލަދޭޝްގެ ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިންމިއިރު، މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ.

ނިޒާމްބެގެ ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ މާފަންނު ޓާފް ދަނޑުގައި ހާއްސަ ފެއާވެލް މެޗެއް ކުޅުނުއިރު މިމެޗުގައި ބައްދަލުކުރީ ނިޒާމްބެ އެކުލަވާލި ޓީމަކާއި މޯލްޑިވްސް ސޮކާ މޭޓްސްގެ ޓީމެކެވެ. ނިޒާމްބެގެ އާއިލާއިން އިންތިޒާމު ކުރި މެޗުގައި ނިޒާމްބެ ކުޅުނު ދުވަސްވަރު އޭނާއާއެކު ކުޅުނު ކުޅުންތެރިންނާއި، ކޯޗުންނާއި ފުޓްބޯޅައިގެ އެކި ފަރާތްތަކުން ބައިވެރިވި އެވެ.

މެޗަށްފަހު "ވީސްޕޯޓްސް" އާއި ވާހަކަދައްކަމުން ނިޒާމްބެ ބުނީ ބޭރުގެ ޓީމަކަށް އިރުޝާދު ދޭން ފުރުސަތު އޭނާއަށް ލިބިގެންދިއުމުން ދިވެހި ކޯޗުންނަށް ބޭރު ގައުމުތަކުގައި މަސައްކަތް ކުރުމަށް މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ. ނިޒާމްބެ ބުނީ މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަންކަން ނެގި ހިސާބުން ރާއްޖޭން ބޭރުގެ ޓީމަކާ ހަވާލުވާން ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި ސައިފްގެ އިތުރަށް ބަންގްލަދޭޝްގެ އިތުރު ދެ ޓީމަކުން ފުރުސަތު ލިބުނު ކަމަށެވެ. ނިޒާމްބެ ބުނީ ސައިފް އިޚުތިޔާރު ކުރީ އެޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށެވެ.

ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމާ ހަވާލުވާން ނިޒާމްބެ ނިންމިއިރު ގައުމީ 16 އަހަރުން ދަށުގެ ޓީމާއެކު ނިޒާމްބެގެ އެންމެ ފަހު ތަޖުރިބާ އަކީ މިދިޔަ ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިން އެވެ. ޒުވާން ޓީމުގެ ކޯޗުގެ މަގާމަށް ނިޒާމްބެ މިދިޔަ އޯގަސްޓް މަހު ހަމަޖެއްސިފަހުން އެޓީމުން ތިން މުބާރާތެއްގައި ވަނީ ވާދަކޮށްފައެވެ.

ނިޒާމްބެ ބުނީ މިހާރު ހަމަޖެހިފައި އޮތްގޮތުން މި މަހުގެ ފަސް ވަނަ ދުވަހު ސައިފް ޓީމާ ހަވާލުވާނެ ކަމަށެވެ. ބަންގްލަދޭޝްގެ ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. އޭނާ ކޯޗުކޮށްދެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އަށެވެ. މި އަހަރުގެ ބަންގްލަދޭޝް ލީގު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ޓީސީ އަށް ނިޒާމްބެ ހޯދަައިދިންއިރު އޭނާގެ އިރުޝާދުގެ ދަށުން ޓީސީން ވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެފްއޭއެމުން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ނިޒާމްބެ ވަނީ ހޯދާފައެވެ.