އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ އެންމެ ކުރީގައި އޮތް ދެޓީމުވެސް މޮޅުވީ ހަމަކިރިޔާ އެވެ. ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-1 އިން ސައުތޭމްޓަން ބަލިކުރިއިރު މިސީޒަންގައި މިހާތަނަށް ލީގުގައި މެޗަކުން ބަލިވެފައިނުވާ ލިވަޕޫލް އެސްޓަން ވިލާގެ މައްޗަށް ކުރިހޯދީ ވެސް ހަމަ އެ ނަތީއްޖާއިންނެވެ.

ވިލާ ޕާކްގައި ކުޅުނު މެޗަށް ޔާގެން ކްލޮޕްގެ ލިވަޕޫލުން ކުރިމަތިލީ އެޓީމުގެ އެންމެ މޮޅެތި ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އިނގިރޭސި ލީގް ކަޕްގައި ޒުވާން ކުދިންކޮޅަކާއެކު، ފަހަތުން އަރައި ޕެނަލްޓީ ޖަހައިގެން އާސެނަލް ބަލިކުރުމަށްފަހު ކްލޮޕް ރޭގެ މެޗަށް ވަރުގަދަ އެގާރައެއް ނެެރުނީ ލީގް ތާވަލުގެ އެންމެ ކުރީގައި އެޓީމުގެ ލީޑް ދެމެހެއްޓުމުގެ ބޭނުމުގަ އެވެ.

ޕްރިމިއާ ލީގް ރީބްރޭންޑްވި ފަހުން ލިވަޕޫލަށް ލީގް ތަށި މިހާތަނަށް ކާމިޔާބުކުރެވިފައިނުވާއިރު އެޓީމުން ފަހަކަށް އައިސް ލީގް ތައްޓަށް އެންމެ ކައިރިން ވާދަކުރީ މިދިޔަ ސީޒަނާއި ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން 2013-14 ގެ ސީޒަނުގައެވެ. މިދިޔަ ސީޒަންގައި ޕޮއިންޓެއްގެ ފަރަގުން ލިވަޕޫލަށް ތަށި ގެއްލުނުއިރު މީގެ ފަސް އަހަރު ކުރިން ސްޓީވެން ޖެރާޑްގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ލިވަޕޫލް ޓީމަށް ތަށީގައި އަތްނުލެވި ދިޔައީ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއްގައި އޮތުމަށްފަހު ފަހު ފަސް މެޗުގައި އަޑިއަޅާލައިގެންނެވެ. އެހެންކަމުން އަލަށް ޕްރިމިއާ ލީގް ކާމިޔާބުކުރަން އަމާޒު ހިފާފައިވާ ލިވަޕޫލުގެ ހުރިހާ ފޯކަސްއެއް މިފަހަރު ހުރީ ލީގް ތައްޓަށެވެ.

އާ ސީޒަންގެ ޕްރިމިއާ ލީގުގެ އެގާރަ ވަނަ ބުރުގައި ރޭ ވިލާ ޕާކުގަައި ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި މިސްރުގެ ވިންގާ މަހުމޫދު ޓްރެޒެގޭ ލިވަޕޫލްގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލިއިރު މެޗުގެ ފަހު އަށް މިނެޓާ ހަމައަށް ކުރީގައި އޮތީ ވެސް އެޓީމެވެ. އެއިރު އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީން ފަހަތުން އަރައި ސައުތޭމްޓަން ބަލިކުރި ހަބަރު އެންފީލްޑަށް ވަނީ އައިސްފަ އެވެ. ބޮޑު ލީޑެއް ދަމަހައްޓަމުން އައި ލިވަޕޫލް އެސްޓަން ވިލާ ކައިރިން ބަލިވެ، ޖެހިގެން އަންނަ ހަފުތާގައި އެޓީމާއި ދެކޮޅަށް ކުޅެން އޮތް މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު ސިޓީ އަށް އޮތުމުން ލިވަޕޫލަށް އެވަގުތު ބަނަވެފައި އޮތް ޕްރެޝަރު އަންދާޒާ ކޮށްލެވެ އެވެ.

މިސީޒަންގެ ލީގުގައި އަދި ބަލިވެފަައިނުވާ ލިވަޕޫލްގެ މައްޗަށް ކުރިހޯދި ފުރަތަމަ ޓީމްގެ ޝަރަފް ހޯދުމަށްޓަކައި އެސްޓަން ވިލާގެ ކުޅުންތެރިން ދިޔައީ ކަށިން ހިތްވަރުލަމުންނެވެ. ނަމަވެސް ކަންވީކީ ވިލާ ޕާކްގައި ތިބި އެޓީމުގެ ސަޕޯޓަރުންނާއި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ހިތް އެދޭ ގޮތަކަށް ނޫނެވެ. ސެނެގާލްގެ ހުނަރުވެރި ފޯވަޑް މާނޭ ނަގައިދިން ހުރަހެެއްގައި ލިވަޕޫލްގެ ސްކޮޓިޝް ޑިފެންޑަރު ރޮބަޓްސަން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދިން އިރު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޒުވާން ކުޅުންތެރިއާ އަރްނޯލްޑް ދިން ބޯޅައެއްގަަައި މާނޭ ވިލާގެ ގޯލު ފޫއަޅުވާލިއެވެ.

މިއީ ބަލިވަމުން އަންނަ މެޗުތަކުގައި ލިވަޕޫލުން މެޗުގެ އެންމެ ފަހު ވަގުތުގައި ނަތީޖާ އަނބުރާލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ކަރަބާއު ކަޕްގައި އާސެނަލް މޮޅުވަމުންދަނިކޮށް އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ލިވަޕޫލުން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރި އިރު ލީގުގަައި ލެސްޓާ އާއި ވާދަކުރި މެޗުގައިވެސް އެޓީމުން ލަނޑުޖެހީ ފަހު ވަގުތުއެވެ. މިއީ ހަމަގައިމުވެސް ޗެމްޕިއަން ޓީމެއްގެ ފަރާތުން ފެންނަންޖެހޭ ކަހަލަ ނަތީޖާތަކެވެ. އެންމެ ރަނގަޅަކަށް ނުކުޅެވޭ މެޗުތަކުންވެސް މޮޅުވެވޭނަމަ އެއީ އެޓީމެއްގެ ވަރުގަދަކަން ހާމަވެގެންދާ ކަމެކެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވުމުން ސިޓީއާ ވާދަކުރަން އޮތް މެޗުގެ ކުރިން ކްލޮޕް އަށާއި ކުޅުންތެރިންގެ އިތުބާރު ބޮޑުވެގެންދާނެކަން ކަށަވަރެވެ. ލިވަޕޫލުން މިހެން ނެރޭ ކޮންމެ ނަތީޖާއެއް ވާނީ ވާދަވެރި ސިޓީ އަށް ލިބިގެންދާނެ ބޮޑު ބޮލުގެ ރިހުމަކަށެވެ. ލީގުގައި ލިވަޕޫލް އަޑިއަޅާލާނެތޯ އަދި އެކަން ހިނގާނީ ކޮންއިރަކުންތޯ މިއީ މިހާރު ސިޓީގެ ސަޕޯޓަރުންގެ ހިތްތަކުގައި އުފެދިފައިވާ ބޮޑު ސުވާލެވެ.