ބައިކްމޯލްޑިވްސް އިން ކުރިޔަށްގެންދިޔަ ގައުމީ ތިންވަނަ ބައިސްކަލް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ހުޅުމާލޭގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ދެ އުމުރުފުރާ އަކުން 77 ބައިވެރިވެރިން ވަނީ ވާދަކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަލްޔާން މިރުޝާން ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އަސްމާ ހަސަން އެވެ.

ޝޯޓް ޑިސްޓެންސް އާއި ލޯންގް ޑިސްޓެންސް ހިމެނޭ ގޮތައް ކުރިޔަށްގެންދިޔަ މި މުބާރާތުގެ ކުރު ދުއްވުމުގައި ހިމެނުނީ 200 މީޓަރާއި 1000 މީޓަރާއި 3000 މީޓަރެވެ. ދިގު ދުއްވުމުގައި ހިމެނުނީ 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރާއި 20 ކިލޯ މީޓަރާއި 40 ކިލޯ މީޓަރުގެ އިތުރުން 60 ކިލޯ މީޓަރެވެ.

ޝޯޓް ކެޓެގަރީން 200 މީޓަރުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ އަލްޔާން އެވެ. ދެވަނަ މުޙައްމަދު އަފްޒަލް ހޯދިއިރު ތިންވަނަ ލިބުނީ އިބްރާހީމް ޝައުރަތު އެވެ. މިބައިގެ އަންހެން ރޭހުން އެއްވަނަ ހޯދީ މަރިޔަން ޝާރަތު ޝަރީފް އެވެ. ދެވަނަ އަސްމާ ހަސަން ހޯދިއިރު، ތިންވަނަ ހޯދީ އާއިމިނަތު އާދަމް އެވެ. 1000 މީޓަރުގެ ރޭހުގެ ފިރިހެން ބައިން އެއްވަނަ ހޯދީ 200 މީޓަރު ރޭސް ވެސް ކާމިޔާބުކުރި އަލްޔާން އެވެ. މިބައިގެ ދެވަނަ އިބްރާހީމް ޝުއާއު ހޯދިއިރު، ތިންވަނަ ހޯދީ މުޙައްމަދު އަފްޒަލް އެވެ. މިބައިގެ އަންހެން އެއްވަނަ ހޯދީ އަސްމާ ހަސަން އެވެ. ދެވަނަ މަރިޔަމް ޝާރަތު ހޯދިއިރު، ތިންވަނަ ލިބުނީ ހަމްދިއްޔާ އަބްދުލް ޣަފޫރު އެވެ.

3000 މީޓަރުގެ ރޭހުގެ ފިރެހެން ބައިގެ އެއްވަނަ ހޯދީ މުޙައްމަދު މާއިޒް އެވެ. ދެވަނަ މަހުދޫމް ހުސައިން ހޯދިއިރު، ތިންވަނަ ލިބުނީ މުހައްމަދު އަފްޒަލް އެވެ. ލޯންގް ދިސްޓެންސް ކެޓެގަރީން 5 ކިލޯމީޓަރުގެ ރޭހުގެ ފިރެހެން ބައިގެ އެއްވަނަ ހޯދީ ވެސް އަލްޔާން އެވެ. ދެވަނަ އިބްރާހީމް ޝުއާއު ހޯދިއިރު، ތިންވަނަ ހޯދީ މުޙައްމަދު ފާހިރު އެވެ. 10 ކިލޯމީޓަރު ރޭހުގެ އެއްވަނަ މުޙައްމަދު ފާރިހް ހޯދިއިރު ދެވަނަ ހޯދީ މުޙައްމަދު އާދަމް އެވެ. ތިންވަނަ މަގާމް ލިބުނީ ހުސައިން އަލީ ހަބީބް އެވެ. 40 ކީލޯމީޓަރުގެ އެއްވަނަ މުޙައްމަދު ޝިޔާމް ހޯދިއިރު، ދެވަނައަށް ދިޔައީ ކާރުމޯ އެވެ.

60 ކީލޯމީޓަރު ރޭހުގެ އެއްވަނަ ހޯދީ ރޮބިން ވޯލް އެވެ. ދެވަނަ ހުސައިން ހަލީމް (ކުޑަހުސައިން) ހޯދިއިރު ތިންވަނަ ހޯދީ މުޙައްމަދު ޝިޔާމް އެވެ. އަންހެނުންގެ 5 ކިލޯމީޓަރުގެ އެއްވަނަ ހޯދީ ނިޒްމީން ލަތީފް އެވެ. ދެވަނަ ޒުލޭހާ ހަސަންދީދީ ހޯދިއިރު، ތިންވަނަ ހޯދީ ހަދީޖާ ހަސަން އެވެ. މިބައިގެ 10 ކިލޯމީޓަރުގެ އެއްވަނަ ހޯދީ ރިޒްމީން ލަތީފެވެ. ދެވަނަ ހޯދީ އައިމިނަތު އާދަމް އެވެ.

މުބާރާތުގެ ޓީމް އިވެންޓުން ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތުރީ ސްޓާއެވެ. ދެވަނަ ކިޔަވާ ސްޕޯޓްސް ހޯދި އިރު، ތިންވަނަ ހޯދީ އެމްއެސް އެކެޑަމީއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މައްޗަންގޮޅި ވިމެންއެވެ. އެ އިވެންޓުގެ ދެވަނަ މުލަކު ރެކްރިއޭޝަން ކްލަބު ހޯދި އިރު، ތިންވަނަ ހޯދީ ތުރީ ސްޓާއެވެ.