އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި އެވަޓަން ފުޓްބޯޅަ ކްލަބް ބައްދަލުކުރި މެޗުގައި އެވަޓަންގެ މިޑްފީލްޑަރު އަންދްރޭ ގޯމެޒް އަށް ވަނީ ބޮޑު އަނިޔާއެެއްވެ ކުޅުމާއި ދުރަށް ދާން ޖެހިފައެވެ.

ގުޑިސަން ޕާކްގައި ކުޅުނު މެޗުގަައި ގޯމެޒް އަށް އަނިޔާވީ 79 ވަނަ މިނެޓްގައި ގޯމެޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ސޮން ހިއުން މިންގް ފަހަތުން ކުރި ނުރައްކާތެރި ޓެކުލެެއްގައެވެ. ސޮންގެ ޓެކުލާއެކު ގޯމެޒް ވަގުތުން ދަނޑުމައްޗަށް ވެއްޓުނުއިރު އެވަޓަންގެ މެޑިކަލް ޓީމުން ވަނީ އޭނާ އަށް ފަރުވާ ދިނުމަށްޓަކައި އެމްބިއުލާންސްގައި ހޮސްޕިޓަލް އަށް ގޯމެޒް ގެންގޮސްފައެވެ. ޕޯޗުގީޒް ކުޅުންތެރިއާ ގޯމެޒް އަށް ބޮޑު އަނިޔާއެއް ވުމުން ސޮން އަށް އެގަޑީ ވަރަށް ބޮޑަށް މާޔޫސްކަން ކުރިމަތިވި އެވެ.

ސޮންގެ ފަރާތުން ފެނުނު ފައުލާއި ގުޅިގެން ރެފްރީ މާޓިން އަޓްކިންސަން ވީއޭއާރު ރިވިއު އަށްފަހު އޭނާ އަށް ރަތް ކާޑު ދެއްކި ނަމަވެސް ސޮން ހިތްދަތިވީ ކާޑުގެ ސަބަބުންނެއް ނޫނެވެ. އޭނާ އަށް މާޔޫސްކަން ކުރިމަތިވީ އޭނާގެ ސަބަބުން ގޯމެޒް އަށް ދިގުދެމިގެންދާ ވަރުގެ އަނިޔާއެއް ލިބުމުންނެވެ. ރަތް ކާޑާއެކު ސޮން އެގަޑީ ދަނޑުން ފައިބައިގެންދިޔައީ މޫނުމަތީގައި އަތްއަޅައިގެން ރޮމުންނެވެ. ސޮން އަށް ކުރިމަތިވި މާޔޫސްކަމުން ފިލުވައި އޭނާ އަށް ހިތްވަރުދިނުމުގައި އެވަޓަން ޓީމުގެ ކެޕްޓަން ކޮލްމަން އާއި ފޯވަޑް ސެންކު ޓޮސުން ކުރި މަސައްކަތް ފާހަގަ ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން އެވަޓަންގެ ކޯޗު މާކޯ ސިލްވާ ބުނީ ގޯމެޒް އަކީ އެޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އަނިޔާއިން އެނބުރި ކުޅުމުގެ ތެރެއަށް ގޯމެޒް އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

“ ގޯމެޒް އަކީ ފެންޓާސްޓިކް ކުޅުންތެރިއެއް. ޓީމަށް މުހިއްމު ކުޅުންތެރިއެއް. އަހަންނަށް ޔަގީން އަނިޔާއިން ސަލާމަތްވެ ގޯމެޒް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނީ ވަރުގަދަކޮށް ކަން. އޭނާ އަށް މިކަމުން އަރައިގަތުމުގައި އަހަރެމެން އެންމެންގެ ފުލް ސަޕޯޓް ލިބޭނެ “ ސިލްވާ ބުންޏެވެ.

އުމުރުން 26 އަހަރުގެ ގޯމެޒް އަށް ލިބުނު އަނިޔާއާއި ގުޅޭގޮތުން އެވަޓަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޯމެޒްގެ ފައިގެ ކުޑަހުޅާ ހަމައިން ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އޭނާގެ ފައިގެ ސާޖަރީއެއް ކުރިއަށްދާނެ ކަމަށެވެ.