އިނގިރޭސިވިލާތުގެ މަޝްހޫރު ފޯމިއުލާ ވަން ޑްރައިވަރު ލެވިސް ހެމިލްޓަން އޭނާގެ ހަވަނަ ވޯލްޑް ޑްރައިވާސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ހެމިލްޓަން ޗެމްޕިއަންޝިޕް ހަވަނަ ފަހަރަށް ކާމިޔާބުކުރީ އިއްޔެ ކުރިއަށްދިޔަ ޔުނައިޓެޑް ސްޓޭޓްސް އޯޕަން ޖީޕީގެ ދެވަނަ ހޯދައި ލިބުނު 18 ޕޮއިންޓާއެކު އެވެ. ޗެމްޕިއަންޝިޕްގައި މިސީޒަންގައި ބާކީ އަދި ދެ ރޭސް އޮތްއިރު ހެމިލްޓަން އަށް ޗެމްޕިއަންޝިޕް ކަށަވަރުވެގެންދިޔައީ މިހާތަނަށް 381 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ފިންލޭންޑްގެ ވަލްޓެރީ ބޮޓާސް އަށް ލިބިފައިވަނީ 314 ޕޮއިންޓެވެ. މިދެ ޑްރައިވަރުންނަކީވެސް މާސެޑިޒްގެ ދަށުން ވާދަކުރާ ދެ ޑްރައިވަރުންނެވެ.

ހެމިލްޓަންގެ މި ކާމިޔާބާއެކު އޭނާ ވެފައިވަނީ ފޯމިއުލާ ވަންގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ރޭސަރުގެ ގޮތުގައެވެ. އޭނާ ހޯދާފައިވާ ހަ ޗެމްޕިއަންޝިޕް އަކީ އެ ކުޅިވަރުގެ ތާރީހުގަައިވެސް ދެވަނަ އަށް ޑްރައިވަރަކު ހޯދާފައިވާ އެންމެ ގިނަ ތައްޓެވެ. ހެމިލްޓަންގެ ކުރިން ލިސްޓުގެ އެންމެ ކުރީގައި އޮތީ ރެކޯޑު ހަތް ޑްރައިވާސް ޗެމްޕިއަންޝިޕްއާއެކު ޖަރުމަން ރޭސަރު މައިކަލް ޝޫމޭކާ އެވެ. ދުނިޔެ ދުށް އެންމެ މޮޅު ފޯމިއުލާ ވަން ރޭސަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝޫމޭކާ ވަނީ އޭނާގެ ކެރިއަރުގައި ރެކޯޑު 91 ރޭސް ކާމިޔާބުކޮށްފައެވެ. ޝޫމޭކާގެ ފަހަތުން މި ލިސްޓުގެ ދެވަނައިގައި އޮތް ހެމިލްޓަން 83 ރޭސް މިހާތަނަށް ކާމިޔާބުކޮށްފައިވާއިރު ޝޫމޭކާ ފަހަތަށް ޖައްސާލައި އެއްވަނަ އަށް އެރުމުގެ ފުރުސަތު ހެމިލްޓަން އަށް އެބައޮތެވެ.

ހެމިލްޓަން އެންމެ ފުރަތަމަ ފޯމިއުލާވަން ޗެމްޕިއަންކަން ހޯދާފައިވަނީ 2008 އަށްވަނަ އަހަރުއެވެ. އޭގެ ފަހުން 2014، 2015 ގައި ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު 2017 އިން ފެށިގެން މި ކުޅިވަރުގެ އެންމެ އުހުގައި އޭނާ އަންނަނީ ފިޔަޖަހަމުންނެވެ. ހެމިލްޓަންގެ ފަހުރުވެރި ކާމިޔާބީއާއެކު އިނގިރޭސިވިލާތުގެ ސެލެބްރިޓީންގެ އިތުރުން ކުޅިވަރުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަރާތްތަކުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު