ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ތަރައްގީ ކުރާ ސިންތެޓިކް ޓްރެކްތައް ޑިޒައިންކޮށް ކުރެހުމަށް ހެކްޒާ ކޮމްޕެނީއާ ހަވާލުކޮށް އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފެވެ. ހެކްޒާ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދު އެވެ.

ހެކްޒާ ކޮމްޕެނީއާއެކު ކުރެވުނު އެއްބަސްވުމުގެ ދެ ހަފުތާ ތެރޭގައި ސިންތެޓިކް ޓްރެކް ކުރެހައި ޑިޒައިން ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އަށް ހުށައަޅަންޖެހޭނެ އެވެ.

މިއީ މިހާތަނަށް ސިންތެޓިކް ޓްރެކެއް ކުރެހުމަށް ދިވެހި ކުންފުންޏަކާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ހެދުމަށް ހަވާލުވި ޗައިނާގެ ސިނޯ ހައިޑްރޯ ކުންފުނިން ވަނީ 2016 ވަނަ އަހަރު ވަނީ ހުޅުމާލޭގައި ސިންތެޓިކް ޓްރެކެއް އަޅާފައެވެ. ނަމަވެސް އެ ޓްރެކް ހަދާފައިވަނީ އެއްވެސް ޕްލޭނެއް ނެތިއެވެ. އެގޮތުން ޓްރެކް އަވަހަށް ވީރާނާވުމާއި ޓްރެކުގެ ސައިޒުގައި މައްސަލަތަކެއް ދިމާވެފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފަހުން ތަރައްގީ ކުރާ ޓްރެކްތަކުގައި އެފަދަ މައްސަލަތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއަދު ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ މީގެކުރިން ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ގާއިމްކޮށްފައިވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނުކޮށް ކަމަށާއި މި ސަރުކާރުން ތަރައްގީކުރާ ޕްރޮޖެކްޓްތައް ހިންގާނީ ފެންވަރު ރަނގަޅުކޮށް ގިނަދުވަހަށް ބޭނުންކުރެވޭ ކަހަލަ ގޮތަކަށް ކަމަށެވެ.

މަހުލޫފް ވިދާޅުވީ މި ސަރުކާރުން ޕްރޮޖެކްޓްތައް ހިންގުމުގެ ކުރިން އެތަނެއް ކުރަހައި ޑިޒައިންކުރާނެ ކަމަށާއި މިހާރުވެސް ބެޑްމިންޓަން އާއި ވޮލީ ކޯޓެއް ކުރެހުމަށް ބަޔަކާއި ހަވާުލުކޮށްފައިވާ ކަމަށެވެ. މަހްލޫފް ވިދާޅުވީ އެންމެ ފުރަތަމަ ސިންތެޓިކް ޓްރެކް އެޅުމަށް ނިންމާފައިވާ ރަށަކީ ސ.ހިތަދޫ ކަމަށެވެ. އަދި އެއަށްފަހު ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓްރެކް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.