ރާއްޖޭގެ ގައުމީ ޓީމްގައި ގިނައީ ޒުވާން ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ބޭނުންވަނީ ބޮޑެތި މެޗުތަކުގައި ކުޅުމުގެ ތަޖުރިބާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގެ ހަތަރުވަނަ އަދި ފަސްވަނަ މެޗުގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ މުހިއްމު ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމްވީ މެލޭޝިއާގަ އެވެ. ކޮލިފައިންގައި ރާއްޖެ ޓީމަށް ކުރިމަތިވާނެ އެންމެ މުހިއްމު ދެ މެޗުގެ ގޮތުގައި ބެލެވޭ ފިލިޕީންސް އާއި ގުއާމް މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އޭޝިއަން ކަޕުން ޖާގައެއް ހޯދުމަށް އަމާޒު ހިފާފައިވާ ދިވެހި ޓީމަށް މުހިއްމު ކަމެކެވެ. މި ގްރޫޕްގައި ވަރުގަދަ ޗައިނާ އާއި ސީރިޔާ ހިމެނުމުން ރާއްޖެ އިން ހިފާފައިވަނީ ގްރޫޕްގެ ތިންވަނަ ހޯދުމަށެވެ.

ގަލޮޅު ދަނޑުގައި ކުޅޭ ދެ މެޗަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މެލޭޝިއާގައި ތަމްރީންތައް ފުރިހަމަ ކުރަމުންގެންދާއިރު ޓީމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ޕީޓާ ސެގާޓް ބުނީ ދިވެހި ޓީމު ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާކުރުން، އެއީ އޭނާ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި، ޒުވާން ކުޅުންތެރިންނަށް ޕްރެޝަރު މެޗުތަކުގައި ކުޅެވޭނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެން ކަމަށެވެ. އެގޮތުން ބޮޑެތި މެޗުތަކުގައި ފުރުސަތުދީ އެ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނަކަން ދެއްކުމުން ކުޅުންތެރިންގެ ފަރާތުންވެސް ތަފާތު ފެނި ކުޅުމަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނަކަމަށް ސެގާޓް ފާހަގަކުރިއެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
މީގެ ދެ އަހަރެއް ވަރު ކުރިން ސެގާޓް ގައުމީ ޓީމާއި ހަވާލުވެ އެންމެ ފުރަތަމަ ވެސް އޭނާ ބުނީ އަމާޒަކީ މުސްތަގްބަލަށް ރަނގަޅު ފެންވަރުގެ ޓީމެއް ބިނާކުރުން ކަމަށެވެ. އޭނާ ވެފައިވަނީ ފަހުގެ ތާރީހެއްގައި ގައުމީ ޓީމު ބިނާކުރުމުގައި މިވަރަށް ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ ފުރަތަމަ ކޯޗަށެވެ. އެވަރެޖް އުމުރު 24 އަހަރުގައި އޮތް ޓީމެއް ގޮވައިގެން ސެގާޓް ވަނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

ސެގާޓް ބުނީ ގައުމީ ޓީމްގައި މިވަގުތު ތިބި ސީނިއާ ކުޅުންތެރިންގެ ފެންވަރު އޭނާއަށް އިނގޭކަމަށާއި، ފުރުސަތު ދިނުމުން އެ ކުޅުންތެރިންގެ މޮޅު ކުޅުން ދައްކާނެކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ. ސެގާޓް ބުނީ ކޮންމެ ކުޅުންތެރިއަކުވެސް އޭނާއަށް މުހިންމުކަމަށާއި އޭނާ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ކަމަށެވެ.

" ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އަހަރެން ފުރުސަތުދިން ކުޅުންތެރިންގެ މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެ މީހުން ދަނީ. ހަގީގަތަކީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވަރަށް ފަސޭހަވާނެ އައިސް ކުޅެލަން. އެކަމަކު ޒުވާން ކުޅުންތެރިން ޖެހޭނެ އަމިއްލަ ނަފްސަށް އެ އޮންނަ އިތުބާރު ބިލްޑް ކުރަން. އެ މަސައްކަތުގައި ޒުވާން ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުން،" ސެގާޓް ބުންޏެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފިލިޕީންސް އާއި ގުއާމާ ވާދަކުރާ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ މެދުތެރޭގައެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އޭޝިއާ ކޮލިފިކޭޝަން ޒޯނުގެ ގްރޫޕް އޭގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު މިވަގުތު އޮތީ ސީރިއާ އެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޗައިނާ އޮތްއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ފިލިޕީންސް އެވެ. ތިން ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.