ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ މައްސަލައިގައި ޒާތީވެގެން މަސައްކަތް ނުކުރުމަށް ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފަށް ނަސޭހަތްތެރިވާ ކަމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އަހްމަދު ސަލީމް މުހައްމަދު ލަތީފްގެ އެކްސްކޯ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އިންތިހާބީ އެކްސްކޯގެ ބަދަލުގައި އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީ ސައްޙަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނިންމި ނަމަވެސް ދުނިޔޭގެ ވޮލީއާއި ބެހޭ މައި އިދާރާ ކަމަށްވާ އެފްއައިވީބީން އެ ކޮމިޓީ މިހާތަނަށް ބަލައިގެންފައިނުވެ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުންް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަކީ ވީއޭއެމް އިސްލާހީ މަގަށް އެޅުވުމުގެ މަސަތްކަތް ކަމަށާއި މި ކަމުގައި ޒާތީވެގެން އެއްވެސް މީހަކު މަސައްކަތް ނުކުރުމަށް ގޮވާލާ ކަމަށެވެ. ހީނާ ވިދާޅުވީ އޭނާގެ މަގާމުގެ ގޮތުން ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފްއާ އެއްވެސް ޒާތީ ކަމެއް އަދި އެނޫންވެސް އެފާޑުގެ މައްސަލައެއް ނެތް ކަމަށާއި ލަތީފް އަކީ ގާތް ރައްޓެއްސެއް ކަމަށެވެ. އަދި ކޮފީތަކުންނާއި ކޮމިޝަނަރުގެ އޮފީހުގައި ވެސް ލަތީފް އާއި އެތައް ފަހަރު ބައްދަލުކޮށް މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި އެހެންކަމުން އެދެމީހުންގެ ދެމެދުގައި ޒާތީ މައްސަލަތަކެއް ޖެއްސެވުމަށް މަސަތްކަތް ނުކޮށް ވީއޭއެމް ހަމަމަގަށް އެޅުވުމުގެ ފުރުސަތު އޭނާ އަށް ދެއްވުމަށް ހީނާ އެދިލެއްވިއެެވެ.

“ އަޅުގަނޑު އެތައް ފަހަރަކު ލަތީފް އާއި މަޝްވަރާކުރިން މި މައްސަލަ ރަނގަޅުގޮތުގައި ލަތީފް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް. އެކަމަކު މީޑިއާގައި ވާހަކަ ދައްކާއި ގޮތާއި އަޅުގަނޑުމެން ކައިރި އައިސް ދައްކާ ވާހަކަ ވަރަށް ތަފާތު. އަޅުގަނޑާއި އެއްވެސް މީހަކާއި ޒާތީކަމެއް ނެތް. ވީއޭއެމްގެ ކަންތައްތައް ގޯސްމަގުން ގޮސްފައިވާތީ އެކަން ރަނގަޅު ކުރުމަށް ކުރަމުންދާ އިސްލާހީ ފިޔަވަޅުތައް މި އަޅަނީ، ” ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ކުޅިވަރެއް އެންމެ މީހެއްގެ އަތްމައްޗަށް ދީގެން އެ މީހަކު ހިތުހުރި ގޮތަކަށް އެސޯސިއޭޝަނާއި ކްލަބުތަކަށް ހަދަން ފުރުސަތު ދީގެން ނުތިބެވޭނެ ކަމަށެވެ.

ވީއޭއެމްގެ އިންތިހާބު ބޭއްވުމަށް ކުލަބުތަކުން މަސައްކަތް ކުރަމުންދާއިރު އެފްއައިވީބީ އިން އެކަން ގަބޫލުނުކޮށްފި ނަމަ އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ހީނާ ސަލީމް ވިދާޅުވީ މިހާރު މިދާ ގޮތުން އެއިދާރާއިން ނޯމަލައިޒޭޝަން ކޮމިޓީ ގަބޫލު ނުކުރާނެ ކަމަށް ހީނުވާ ކަމަށެވެ. މީގެ ކުރިން އެފްއައިވީބީން ނޯމަލައިޒޭޝަން ބަލައިގަތުމުގައި މައްސަލަތަކެއް ކުރިމަތިވެގެން ދިޔައީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ދޭން ޖެހޭ މައުލޫމާތުތައް އެފްއައިވީބީ އާއި ހިއްސާނުކޮށް ހުރެގެން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިހާރު އާ އިންތިހާބުގެ ކަންތައް ކުރިޔަށްދަނީ އޮލިމްޕިކް ކޮމިޓީ އާއެކު ކަމަށާއި އެފްއައިވީބީއާ ހިއްސާކުރަން ޖެހޭ އެންމެހާ ރަނގަޅު މައުލޫމާތުތައް މިހާރު އެއިދާރާއަށް ފޮނުވަމުންދާ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު މިހެން ވިދާޅުވި ނަމަވެސް ވީއޭއެމްގެ މިމަހު ބަންގްލަދޭޝްގައި އޮންނަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ޓީމުގެ މަސްލަހަތު އޮންނަ ކަންތައްތަކުގައި އެގައުމުގެ ފެޑެރޭޝަނުން ވީއޭއެމްގެ އިންތިހާބީ އެކްސްކޯގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ކުރައްވާތީ ބަންގްލަދޭޝްގެ ވޮލީ ފެޑެރޭޝަނަށް އޭޝިއާގެ ވޮލީގެ މައި އިދާރާ ކަމަށްވާ އޭވީސީން ވަނީ އިންޒާރުވެސް ދީފަ އެވެ. އޭވީސީގެ ރައީސް ސޮއިކުރައްވައި ފޮނުވި ސިޓީގައި އޮތީ ބަންގްލަދޭޝްގެ ފެޑެރޭޝަނުން މުއާމަލާތު ކުރައްވަން ޖެހޭނީ އިންތިޚާބީ ރައީސް މުހައްމަދު ލަތީފްއާ ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ މުބާރާތް އޭވީސީ އިންނާއި އެފްއައިވީބީން ބަލައިނުގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކަންމިހެން އޮތްއިރު މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން، 40 ކުޅުންތެރިން ރެޖިސްޓްރީކުރުމަށް ބަންގްލަދޭޝްގެ ފެޑެރޭޝަނަށް ލަތީފް ވަނީ ހުށަހަޅާފައެވެ.

ލަތީފް އިސްވެ ހުރެ މުބާރާތުގައި ބައިވެރިވީ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޭނާ ބަލައި ނުގަންނަ ކަމަށް ވަނީ ނިންމައިފަ އެވެ. ކޮންގްރެސްގައި ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތް އަށް ކްލަބްގެ ތެރެއިން ވޯޓުގައި ބައިވެރިވި ހަ ކްލަބްގެ އިއްތިފާގުންނެވެ. ލަތީފްގެ އިތުބާރު ނެތްކަމަށް ހުށަހެޅީ ދިވެހި ސިފައިންގެ ކްލަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Juhaa

    ދުވަހަކު އޮފީހެއްގައި އުޅުނު މީހެއް ނޫން. ދެން ކޯންޗެއް އެނގޭނީ؟

  2. މަބޫ

    ލަތީފް ތަ އެއީ

  3. Juhaa

    ލަތީފެއް ނޫން . ސްޕޯޓްސް ކޮމިޝަނަރަކަށް އެއުޅޭ ކަލޭގެ.