ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އިން ކޭމްޕް ނޫގައި ވަރުގަދަ ބާސެލޯނާ ހިފަހައްޓައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހަތަރުވަނަ ބުރުގައި މިރޭ މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެެއްވަރުވެގެންނެވެ. މި މެޗުން އެއްވަރުވި ނަމަވެސް އަދިވެސް ގްރޫޕް އެފްގެ އެއްވަނަ ލިބެނީ ބާސާ އެވެ. ބާސާ އަށް އެއްވަނަ ލިބެނީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ހަތް ވަނީ ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް އިޓަލީގެ އިންޓަ މިލާނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު މި ގްރޫޕްގެ ފުލުގައި އޮތް ސްލާވިއާ ޕްރާގަށް ލިބިފައިވަނީ ހަތަރު މެޗުން ދެ ޕޮއިންޓެވެ.

މިރޭގެ މެޗުގައި ބާސެލޯނާގެ ކޯޗު އެރްނެސްޓޯ ވަލްވާޑޭ ވަނީ އެންމެ ފަހުން ލަލީގާއި ލެވަންޓޭ އަތުން އެޓީމު ބަލިވި މެޗުގައި އަނިޔާވި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ ބަދަލުގަައި ފްރާންސްގެ ޒުވާން ކުޅުންތެރިއާ އުސްމާން ޑެމްބެލޭ އަށް ފުރުސަތުދީފައެވެ. ބާސާގެ އެޓޭކް ޑެމްބެލޭގެ އިތުރުން އެންޓޮއިން ގްރީޒްމަން އާއި ކެޕްޓަން ލިއޮނެލް މެސީ ލީޑުކުރިއިރު މެދުތެރެއިން ތަޖުރިބާކާރު މިޑްފީލްޑަރު އަރްޓޫރޯ ވިޑާލްގެ އިތުރުން ސާޖިއޯ ބުސްކެޓަށް ފުރަތަމަ އެގާރައިން ވަލްވާޑޭ ވަނީ ފުރުސަތުދީފައެވެ.

އެތައް ހާސް ބާސާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އިދިކޮޅު ގޯލު ފޫއަޅުވާލަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ކެޕްޓަން މެސީ އަށެވެ. އެގޮތުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ސްލާވިއާގެ އޭރިއާ ރޮނގު ކައިރިން އެޓީމުގެ ތިން ކުޅުންތެރިން ވިއްދާފައ އޮއްވާ މެސީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އަމާޒުވިއިރު އޭގެ ފަހުން ވިޑާލް ދިން ބޯޅައެއްގައި އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ސްލާވިއާގެ ގޯލްކީޕަރު އޮންދްރޭ ކޮލާ އެވެ. ކޮލާގެ ފަރާތުން މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ބާސާގެ ޑިފެންޑަރު ނެލްސަން ސަމެޑޯ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ކަނަށް އަމާޒުކޮށް ތިރިތިރިން ފޮނުވާލި ހަމަލާއަކާއި ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ބޯޅައެއް މަތަކޮށްފައެވެ.

މެޗުގައި ބާސާ ކުޅުންތެރިންގެ ހަމަލާތައް ހުއްޓުވުމުގައި އޮންދްރޭ ކޮލާ ހުޝިޔާރުކަން ދެއްކިއިރު ސްލާވިއާ އަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެޓީމުގެ ޕީޓާ ސެވްސިކް ޕީކޭ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ޓާސްޓެޖަން ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމެންކައިރި ވެފައި ވަނިކޮށް ސްލާވިއާ އަށް ލިބުނު ހިލޭ ޖެހުމެއްގަައި އެޓީމުން ޓާސްޓެޖަން ބީޓް ކުރިނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

އަމިއްލަ ދަނޑުގައި އެއްވަރުވުމާއެކު ބާސާގެ ކޯޗު ވަލްވާޑޭ އަށް އިތުރު ޕްރެޝަރުތަކަކާއި ކުރިމަތިވެފައިވާއިރު މިސީޒަންގައި ބާސާ އަށް އަދި އެޓީމުގެ އަސްލު ކުޅުން ދެއްކިފައިނުވެއެވެ. ލީގުގައި މިހާތަނަށް ތިން މެޗުން އެޓީމު ބަލިވެފައިވާއިރު ޗެމްޕިއަންސް ލީގުގައިވެސް އެހާ ރަނގަޅު ނަތީޖާތަކެއް ބާސާ އަށް ނެރެވިފައިނުވުމުން ސަޕޯޓަރުންގެ ފާޑުކިއުންތައް ވަލްވާޑޭ އަށް ވަނީ އަމާޒުވެފައެވެ.

ބާސާ ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލަން ލިބުނު ފުރުސަތު ނަގާލިއިރު މިގްރޫޕްގެ އަނެއް މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ފަހަތުން އަރައި އިންޓަ ބަލިކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލައުޓަރޯ މާޓިނެޒް އާއި މަޓިއަސް ވެޗީނޯގެ ލަނޑުތަކުން އިންޓަ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑެއްގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ޑޯޓްމަންޑުން ވަނީ އިންޓަ އަށް ވަރުގަދަ ރައްދެއް ދީފައެވެ. ޑޯޓްމަންޑަށް މި ހާފުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑުން ލޯނު އެއްބަސްވުމުގެ ދަށުން ޑޯޓްމަންޑަށް ބަދަލުވި މޮރޮކޯގެ އަޝްރަފް ހަކީމީ އާއި ޖަރުމަނުގެ ހުނަރުވެރި ކުޅުންތެރިއާ ޖޫލިއަން ބްރާންޓް އެވެ.