ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރަމުން އަންނަ ތަމްރީންތަކުގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ތައިލެންޑްގެ ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުމް ޔުނިވާސިޓީއާ ވާދަކޮށް ބަލިވެއްޖެ އެވެ.

ތައިލެންޑްގައި ކޭމްޕް ކުރަމުން އަންނަ އަންހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ބަލިވީ 77 ޕޮއިންޓް 49 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ތައިލޭންޑްގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމްގައި ހިމެނޭ ތިން ކުޅުންތެރިން ކުޅެމުން އަންނަ ސިރްޕަތުމް ޔުނިވާސިޓީ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 3 ޕޮއިންޓްގެ ލީޑަކާއެކު ކުރީގައި އޮވެ އެވެ.

މެޗުގެ ދެވަނަ ކުއާޓާ ފަށައިގެން ސިރްޕަތުމް ޔުނިވާސިޓީން އެޓީމުގެ ކުޅުން ވަރުގަދަކޮށް ދިވެހި ޓީމްގެ މައްޗަށް އޮތް ލީޑު ފުޅާކުއިރު މި ކުއާޓާ އެޓީމުން ނިންމާލީ 30 ޕޮއިންޓް 20 ޕޮއިންޓުން ކުރީގައި އޮވެއެވެ. ދެވަނަ ކުއާޓާ 10 ޕޮއިންޓްގެ ލީޑެއްގައި ތައިލޭންޑް ޓީމު ކުރީގައި އޮވެ ނިމުނުއިރު ތިންވަނަ ކުއަޓާގައި ރާއްޖެ ޓީމުން މޮޅަށް ކުޅެ އިދިކޮޅު ޓީމުގެ ލީޑު ބޮޑުވިޔަނުދީ ހިފެހެއްޓި އެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ތައިލޭންޑް ޓީމު ކުރީގައި އޮތީ 49 ޕޮއިންޓް 40 ޕޮއިންޓުންނެވެ.

ތިންވަނަ ކުއާޓާގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ފަހު ކުއާޓާގައި އެ ކުޅުން ތަކުރާރު ކުރެވޭ ގޮތެއްނުވި އެވެ. މި ކުއާޓާގައި ސިރްޕަތުމް ޔުނިވާސިޓީން ވަނީ 28 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 77 ޕޮއިންޓް 49 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައެވެ.

މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ކޭމްޕް ކުރުމަށް ހަމަޖެހިފައިވާއިރު މި ކޭމްޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރަންގްސިޓް ޔުނިވާސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. ކޭމްޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންހެން ޓީމް ނުކުންނާނީ ތައިލެންޑްގެ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށެވެ.