ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އިންގްލަންޑްގެ ލިވަޕޫލުން ބެލްޖިއަމްގެ ކޭއާރްސީ ގެންކްގެ މައްޗަށް ކުރިހޯދައި ގްރޫޕް އީގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް، އެޓީމު ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. އެންފީލްޑްގައި ކުޅުނު މި މެޗަށް ކޯޗު ޔާގެން ކްލޮޕް ވަނީ އެންމެ ފަހުން ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ފެނިގެންދިޔަ އެޓީމުގެ ފުރަތަމަ އެގާރައިން ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޑިފެންސް ލައިނުގައި ހަރަކާތްތެރިވާ އެންޑްރޫ ރޮބަޓްސަންގެ ބަދަލުގައި ޖޭމްސް މިލްނާ އަށް ކްލޮޕް ފުރުސަތު ދިންއިރު ފޯވަޑް ލައިންގައި ހިމެނޭ ސާދިއޯ މާނޭ އާއި ރޮބާޓޯ ފާމީނޯ މެޗު ފެށީ ބެންޗުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮލަންޑުގެ މިޑްފީލްޑަރު ޖޯޖިއޯ ވަޔަނާލްޑަމް އެވެ. މި ނަތީޖާގައި ފުރަތަމަ ހާފު ނިމެމުން ދަނިކޮށް ގެންކް އަށް އެއްވަރުކޮށްދިނީ 41 ވަނަ މިނެޓުގައި އެމްވާން ސަމަޓާ އެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު އެލެކްސް އޮކްސްލޭޑް ޗެމްބަލައިން ކާމިޔާބުކުރި ލަނޑުންނެވެ.

މި ގްރޫޕްގައި ރޭ ދެން ކުޅުނު މެޗުގައި އިޓަލީގެ ނަޕޯލީ އާއި އޮސްޓްރިއާގެ ސާލްޒްބާގް ބައްދަލުކުރި މެޗު ނިމުނީ 1-1އިން ދެޓީމު އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވުމުން ގްރޫޕްގެ އެއްވަނަ ލިބެނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިގެން ލިވަޕޫލަށެވެ. އަށް ޕޮއިންޓާއެކު ނަޕޯލީ އަށް ދެވަނަ ލިބޭއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ސާލްޒްބާގެވެ. ފުލުގައި އޮތް ގެންކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލް މޮޅުވިއިރު ހޮލަންޑުގެ ޗެމްޕިއަން އަޔެކްސް އަތުން ފްރެންކް ލަމްޕާޑްގެ ޗެލްސީ ސަލާމަތްވީ ކިރިޔާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 4-4 އިން ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މި ގްރޫޕްގެ އެންމެ ކުރީގައި އޮތް ތިން ޓީމަށްވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ފައިދާ ލަނޑުގެ ތަފާތުން އެއްވަނަ އަޔެކްސް އަށް ލިބޭއިރު ދެވަނަ ލިބެނީ ޗެލްސީ އަށެވެ. ތިންވަނަ ސްޕެއިންގެ ވެލެންސިއާ އަށް ލިބޭއިރު ފުލުގައި އޮތް ފްރާންސްގެ ލިލް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.