އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ އާސެނަލް ބައްދަލުކުރި މެޗުގައި ސްވިޓްޒަލެންޑްގެ ގްރަނިޓް ޝަކާ ސަޕޯޓަރުންނަށް އިހުތިރާމް ކުޑަކޮށް އަމަލުތައް ބެހެެއްޓުމުގެ ސަބަބުން އޭނާ އަތުން ކެޕްޓަން ބޭންޑް ނަގަން އާސެނަލުން ނިންމައިފި އެވެ.

މިދިޔަ މަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޝަކާ ބަދަލުކުރީ އާސެނަލް ދެ ލަނޑުގެ ލީޑެއްގައި އޮއްވާ ޕެލަސް އިން ފަހަތުން އަރައި 2-2 އިން އެއްވަރުކުރުމުންނެވެ. އޭނާ ދަނޑުން ފޭބި ވަގުތު ސަޕޯޓަރުން ވަނީ އޭނާއާ ވަރަށް ބޮޑަށް ދިމާކޮށްފަ އެވެ. އެ ވަގުތު ޝަކާ ވަނީ ރުޅިވެރިކަމުގެ އިޝާރާތެއްކޮށް ހަޑި ހުތުރު ބަހެއް ބޭނުންކޮށް ޖާޒީ ބާލާފަ އެވެ.

އެ މެޗަށް ފަހު އާސެނަލްގެ ކޯޗު އުނޭ އެމެރީ ވަނީ ޝަކާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. ޝަކާގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމާއި އޭނާގެ ޕާފޯމެންސްތައް ކުރިނާރާތީ ކްލަބުގެ ސަޕޯޓަރުން އަބަދުވެސް އޭނާ އަށް ފާޑުކިޔައެވެ.

ޝަކާގެ ފަރާތުން ފެނުނު އަމަލާއި ހެދި އާސެނަލުން އެދުނު ގޮތަށް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން ޝަކާ އެންމެ ފުރަތަމަ ދެކޮޅު ހެދި އެވެ. އެކަމަކު ކްލަބްގެ މެނޭޖްމަންޓްގެ ޕްރެޝަރާއެކު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޝަކާ ވަނީ މާފަށް އެދިފައެވެ. އޭނާ ބުނީ އޭނާގެ ފަރާތުން ފެނުނު އަމަލުތަކަކީ ތަކުރާރުކޮށް ސަޕޯޓަރުންގެ ފަރާތުން އޭނާ އާއި އާއިލާ އަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

ޝަކާ ބުނީ ފުޓްބޯޅައިގެ އިތުރުން ކޮންމެ ކަމެއްގައި ވެސް ކުރަން ޖެހޭނެ ކަމަކީ އިހުތިރާމްކުރުން ކަމަށާއި އެ ގޮތަށް އާސެނަލާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި އެންމެން އެކުގައި ޕޮޒިޓިވްކޮށް ކުރިއަށްދާން ޖެހޭ ކަމަށް ޝަކާ ބުންޏެވެ.

ކްރިސްޓަލް ޕެލަސް މެޗަށް ފަހު އާސެނަލުން މިހާތަނަށް ކުޅުނު ދެ މެޗުގައި ޝަކާ އަށް ޓީމުން ފުރުސަތު ދީފައިނުވާއިރު އޭނާގެ އަތުން ކެޕްޓަން ބޭންޑް ނަގައި އެ ޒިންމާ ކޯޗު އެމެރީ ހަވާލުކޮށްފައިވަނީ ފޯވާޑް ޕިއޭ އެމެރިކް އޮބާމެޔަން އަށެވެ. އެމެރީ ބުނީ އާސެނަލްގެ މިހާރުގެ ކެޕްޓަނުންނަކީ އޮބާމެޔަން، ބެލެރިން، އޮޒިލްގެ އިތުރުން ލަކަޒަޓް ކަމަށާއި ފުރަތަމަ ކެޕްޓަނަކީ އޮބާމެޔަން ކަމަށެވެ.