ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ އަތޮޅު ނޮޅިވަރަމް ހޯދައިދި އެވެ.

ހދ. އަތޮޅުގައި ވޮލީ ކުރިއެރުވުމުގެ މަގްސަދުގައި 2016 ވަނަ އަހަރުން ފެށިގެން އެ އަތޮޅު ފިނޭގައި ބާއްވަމުން އަންނަ މި މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދީ ރޭ ފިނޭ ޒުވާނުންގެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގަައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް ނޮޅިވަރަމް ގެންދިޔައީ 25-20، 28،26 އަދި 38-36 އިންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދުމުން އެޓީމަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަމް ޓީމުގެ ޖާޒީ ނަންބަރު 14 އަހުމަދު ނަސީމްއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަަނަ ދުވަހު ފެށި މި މުބާރާތުގައި މިފަހަރު ހަ ޓީމަކުން ވާދަކުރިއެވެ. އެ ހަ ޓީމަކީ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަނިމާދޫ، ވައިކަރަދޫ، ފިނޭގެ އިތުރުން ކުޅުދުއްފުށިއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ނޮޅިވަރަމް ޓީމުގެ އަހުމަދު ނަސީމް، މުހައްމަދު އަހުސަން، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އަލީ ހުޒާން، އަހުމަދު ސައިފުﷲ އަދި ހަނިމާދޫ ޓީމުގެ ހުސެއިން ޔޫސުފް އާއި މުހައްމަދު ޝާއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަމް ޓީމްގެ ނިމާލް މައުސޫމް އެވެ.