އޭޝިއާގެ ވޮލީއާބެހޭ މައި އިދާރާ ކަމަށްވާ އޭވީސީން އިންތިޒާމްކޮށްގެން ބާއްވާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބަންގްލަދޭޝްއަށް ހިނގައްޖެ އެވެ.

މި މަހުގެ 9 އިން 14ގެ ނިޔަލަށް ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު މިއަދު ފުރާފައިވާއިރު ރާއްޖެ އިން މުބާރާތުގައި ބައިވެރިވީ ފަހު ވަގުތުގައެވެ. އެންމެ ފުރަތަމަ މުބާރާތުގައި ރާއްޖެއިން ޓީމެއް ބައިވެރިކުރުމާއި މެދު ބަންގްލަދޭޝްގެ ވޮލީ ފެޑެރޭޝަނުން މުއާމަލާތު ކުރަމުންދިޔައީ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބީ އެކްސްކޯ އުވާލުމަށްފަހު އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީއާއެވެ. އެކަމާއިހެދި އޭވީސީގެ އިން ބަންގްލަދޭޝަށް އިންޒާރުދިންއިރު އެންމެ ފަހުން މުބާރާތުގަައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވީއޭއެމްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން، 40 ކުޅުންތެރިން ރެޖިސްޓްރީކުރުމަށް ބަންގްލަދޭޝްގެ ފެޑެރޭޝަނަށް އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވަނީ ހުށަހަޅާފައެވެ.

ލަތީފް ވަނީ މުބާރާތަށް ދިވެހި ޓީމު ފޮނުވުމަށާއި އިތުރު ހަރަދުތައް ކުރުމަށް ބަޖެޓު ނެތުމުން އެކަމަަށް ހައްލެއް ހޯދައިދިނުމަށް އެދި ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފަށް އެޑްރެސްކޮށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

މިއަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި 5 ގައުމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ނޭޕާލާއި ކިރްގިސްތާނުގެ އިތުރުން އަފްޣާނިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 9 ވަނަ ދުވަހު ރާއްޖެއިން ކިރްގިސްތާނާ ދެކޮޅަށް ކުޅޭއިރު، ދެވަނަ މެޗުގައި 10 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާއިރު، 12 ވަނަ ދުވަހު ނުކްނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ގައުމީ ޓީމާއެކު ބަންގްލަދޭޝްއަށް ކޯޗަކަށް ގޮސްފައިވަނީ އަހުމަދު އަދީލް (ބޭބެ) އެވެ. އެކަމަކު މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭވީސީގެ ރައީސް ސޮއިކުރައްވައި ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި، އޭވީސީއާ ގުޅޭ މުބާރާތެއްގައި މުއާމަލާތް ކުރަންވާނީ މުހައްމަދު ލަތީފްއާ ކަމަށް އެންގުމުން، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ލަތީފް ފޮނުވި ޓީމު ލިސްޓުގައި ކޯޗަކަށް ހަމަޖައްސާފައިވަނީ ކޯޗު އަހުމަދު ސުނާން އެވެ.