ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރަމުން އަންނަ ތަމްރީންތަކުގައި ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުގައި ތައިލެންޑްގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މި މަހުގެ އެކަކުން ފެށިގެން ތައިލޭންޑްގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމާއި ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ބައްދަލުކުރި މެޗު ތައިލޭންޑުން ކާމިޔާބުކޮށްފައިވަނީ 99 ޕޮއިންޓް 12 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ތައިލެންޑް ޓީމުން މޮޅަށް ކުޅުނުއިރު ރާއްޖެ ޓީމަށް އެއްވެސް ވަރަކަށް ޕޮއިންޓެއް ހޯދޭ ގޮތެއްނުވި އެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ތައިލެންޑުން ވަނީ 37 ޕޮއިންޓް ހޯދާފައެވެ. ރާއްޖޭގެ ޓީމަށް މި ކުއާޓާގައި އެންމެ ޕޮއިންޓެއްވެސް ހޯދިފައިނުވެ އެވެ.

މެޗުގެ ދެވަނަ ކުއާޓާގައި ވެސް ފެނިގެންދިޔައީ ރާއްޖެ ޓީމަށް ތައިލޭންޑް ޓީމް ހިފަހައްޓާނުލެވުނު ތަނެވެ. ތައިލެންޑުން ކައިރިކައިރީގައި 3 ޕޮއިންޓްގެ ސްކޯތައް ކުރަމުންދިޔައިރު ފުރަތަމަ ކުއާޓާއެކޭ އެއްގޮތަށް ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ނުލިބި ދެވަނަ ކުއާޓާ ނިމިގެން ދިޔައީ ތައިލެންޑް ޓީމަށް 59 ޕޮއިންޓް ލިބިގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުގެ ފަރާތުން ކުރީ ދެ ކުއާޓާގައި ދެެއްކި ކުޅުމަށްވުރެއް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް ރާއްޖެ ޓީމުން ހޯދި 12 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓްތައް ހޯދީ މި ކުއާޓާގައެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ތައިލޭންޑް ކުރީގައި އޮތީ 81 ޕޮއިންޓް 7 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓާގައިވެސް ރާއްޖެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ކުއާޓާގައި ދިވެހި ޓީމުން އިތުރު ފަސް ޕޮއިންޓް ހޯދިިއިރު ތައިލޭންޑުން މެޗު ނިންމާލީ 99 ޕޮއިންޓާއެކު އެވެ.

މިމަހުގެ 10ގެ ނިޔަލަށް ތައިލެންޑްގައި ގައުމީ އަންހެން ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާއިރު މި ކޭމްޕްގައި ގައުމީ ޓީމް ވަނީ ޖުމްލަ 3 މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ތައިލެންޑްގެ ރަންގްސިޓް ޔުނިވާސިޓީގެ މައްޗަށް ކުރިހޯދިއިރު ދެވަނަ މެޗުގައި ތައިލެންޑް ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުމް ޔުނިވާސިޓީއަތުން ދިވެހި ޓީމް ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    ދެން އޯކޭ ސޮޕިން ކޮއްލައިގެން އާދޭ ، ސުޕުން ހުރެގެން ވާނެ ވަރު ތީ

  2. މުހައްމާ

    މިމީހުން ކޮންއިރަކުތަ މޮޅުވީ ބޭކާރު ހަރަދު ކުރުން ނޫން ކޮންކަމެއް ދެން.