ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގްރޫޕް އޭގައި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) މޮޅުވީ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އެވެ. މި މެޗުގައި ޕީއެސްޖީން ވަނީ ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތައް ބާކާރު ކޮށްފަ އެވެ. ދެ ވަނަ ހާފްގައި މެޗުގެ ނަތީޖާ އެއްވަރު ކުރަން ބްރޫޖްގެ އެމްބާއޭ ޑިއާގްނޭ ޖެހި ޕެނަލްޓީ ޕީއެސްޖީ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ރެއާލަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބްރޫޖަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު ގަލަސަތަރާއި ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އެވެ.

ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކް ވަނީ އެޓީމު ކުޅުނު މެޗުން އޮލިމްޕިއާކޯސް އަތުން 2-0 އިން މޮޅުވެފަ އެވެ.

ބުންޑެސްލީގާގައި ބަޔާން ނެރެމުން އަންނަ ނަތީޖާތަށް ދަށްވެ އެޓީމުގެ ކޯޗުކަމުގެ މަގާމުން ނިކޯ ކޮވަޗް ވަކިކުރުމުން ރޭގެ މެޗުގައި ބަޔާނަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު ހަންސީ ފްލިކްއެވެ. އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި އޮލިމްޕިއާކޯސް ކޮޅަށް ބަޔާނުގެ ލަނޑުތައް ޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮބަޓް ލެވަންޑޯސްކީ އާއި އިވާން ޕެރިސިޗް އެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއް ވަނައިގައި ބަޔާން އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ރަށުންބޭރުގައި ރެޑްސްޓާ އަތުން 4-0 އިން މޮޅުވި އިންގްލަންޑްގެ ޓޮޓެންހަމް ހޮޓްސްޕާސްއެވެ. ތިން ވަނައިގައި ރެޑްސްޓާ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އޮލިމްޕިއާކޯސް އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރި އަނެއް ޓީމަކީ ޔުވެންޓަސް އެވެ. އެޓީމުން ވަނީ ރޭ ރަށުންބޭރުގައި ކުޅުނު މެޗުން 2-1 އިން ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ.

މިދިޔަ ޓްރާންސްފާ ބާޒާރުގައި އިނގިރޭސިވިލާތުން އިޓަލީއަށް ބަދަލުވި ވޭލްސް ކުޅުންތެރިއާ އެއަރޮން ރަމްސޭގެ ލަނޑުން ޔުވެންޓަސް ލީޑުނަގާފައިވަނިކޮށް ލޮކޮމޯޓިވް މޮސްކޯއަށް އެއްވަރުކޮށްދިނީ އަލެކްސޭއި މިރަންޗުކް އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުވެންްޓަސް މޮޅުކޮށްދިން ލަނޑު ޖެހީ ބްރެޒިލްގެ ފޯވަޑް ޑަގްލަސް ކޮސްޓާ އެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީން ޔުވެންޓަސް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ރޭގެ މޮޅާ އެކު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ބަޔާ ލެވަކޫސަން އަތުން 2-1 އިން ބަލިވެފަ އެވެ. އެތުލެޓިކޯ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލޮކޮމޯޓިވް މޮސްކޯ އާއި ހަތަރު ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.