ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ގުއާމާއި ދެކޮޅަށް ގައުމީ ޓީމް އަންނަ ހަފުތާގައި ނުކުންނައިރު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ގައުމީ ޓީމްގެ ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން ބުނެފިއެވެ.

ގައުމީ ޓީމަށް ކުރިއަށް އޮތީ ވޯލްޑް ކަޕް ކޮލިފައިންއާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ޓީމް ކުޅޭނެ އެންމެ މުހިއްމު ދެ މެޗެވެ. މި މަހުގެ 14ގައި ފިލިޕީންސްއާއި ގައުމީ ޓީމް ވާދަކުރާއިރު، 19 ވަނަ ދުވަހު ދިވެހި ޓީމް ނިކުންނާނީ ގުއާމާ ދެކޮޅަށެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ ޖާގައަކަށް އަމާޒު ހިފާފައިވާ ދިވެހި ޓީމް އަންނަނީ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅޭ ދެމެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާގައި ތަމްރީން ހަދަމުންނެވެ. އެގޮތުން މި ކޭމްޕް ދަތުރުގައި ގައުމީ ޓީމް ވަނީ އެތައް ދުވަހެއް ފަހުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. މެލޭޝިޔާގެ ގައުމީ ޓީމާއި ވާދަކޮށް މި މެޗުން 2-1ގެ ނަތީޖާއަކުން ދިވެހި ޓީމް ބަލިވިކަމުގައި ވިޔަސް ކުޅުންތެރިންގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެލޭޝިއާގައި ކޭމްޕް ކުރަމުން އަންނަ ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފައިވާއިރު ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިބްރާހިމް މަހުދީ ހުސެއިން ޕީއެސްއެމް އާއި ހަވާލާދީ ބުނީ މުޅި ޓީމް އޮތީ ރަނގަޅު ޙާލަތެއްގައި ކަމަށާއި ވަކިވަކި ކުޅުންތެރިން ފޯމުގައި ތިބިކަން ފަރިތަކުރުންތަކުންވެސް އިނގޭކަމަށެވެ. އިއްބެ ބުނީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ކޮންމެ ފަދަ ހާލަތެއްގައިވެސް އެ ދެމެޗު ކާމިޔާބުކުރުމަށް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

"ވަރަށް ބޮޑަށް ފާހަގަވޭ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފޯމުގައިހެން. އެންމެންވެސް ކުރިއަށް މިއޮތް ދެ މެޗު ކާމިޔާބުކުރަން ވަރަށް ރެޑީވެގެން ތިބީ. އިރާދަކުރެއްވިޔާ ދެ މެޗުވެސް ކާމިޔާބުކުރެވޭނެ" އިއްބެ ބުންޏެވެ.

އިއްބެ އިތުރަށް ބުނީ މެލޭޝިއާ ކޭމްޕްގެ ސަބަބުން ހުރިހާ ކުޅުންތެރިންނަށްވެސް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށާއި، ކޯޗު ބޭނުންވާ ގޮތަށް ޓީމް ބައްޓަންކުރުމަށް، މި ކޭމްޕްގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފި ކަމަށެވެ. އިއްބެ ބުނީ ޓީމްގެ އެޓޭކާއި އަލަށް ގުޅުނު ކުޅުުންތެރިންނާއިއެކު ޓީމް ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށެވެ.

ގައުމީ ޓީމްގެ އެޓޭކްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިއްބެ ބުނީ ކުރިއަށް އޮތް ދެ މެޗުގައި ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައުމަކީ އުއްމީދުކަމަށާއި، ފަހަކަށް އައިސް މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ވަންނަލެއް މަދުވި ނަމަވެސް ފިލިޕީންސް މެޗުގައި އެކަން ބަދަލުވެ ސަޕޯޓަރުންގެ އެހީއާއެކު މެޗު ކާމިޔާބުކުރުމަކީ ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް އުއްމީދުކަމަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.