ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ފެށި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިމިނަތު ނަބީހާ އާއި ނީލާ ނަޖީބު ފުރުސަތު ހޯދައިފި އެވެ.

އަންހެން ސިންގަލްސް ބައިގައި ނީލާ ނަޖީބު ކުޅުނު މެޗުން މޮޅުވީ ޕާކިސްތާންގެ އަމާލް މުނީބް އަތުން 21-13، 21-17 އިންނެވެ. އަދި ނަބީހާ ކުޅުނު މެޗުން މޮޅުވީ ހުމާ ޖަވީދު އަތުންނެވެ. އެ މެޗުގެ ސެޓުތައް ނަބީހާ ގެންދިޔައީ 21-13، 21-09 އިންނެވެ. ނީލާ އާއި ނަބީހާ ކުޅޭ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޗެމްޕިއަން ފާތިމަތު ނަބާހާ ވަނީ ޕާކިސްތާނުގެ މެހްވިސް ހާނާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ. ނަބާހާ ސެޓުތައް ގެންދިޔައީ 21-13، 21-15 އިންނެވެ. ނަބާހާ އަކީ މިދިޔަ ދެ އަހަރުވެސް ގައުމީ މުބާރާތުން އެއްވަނަ ހޯދި ކުޅުންތެރިއާއެވެ. އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ވެސް ގައުމީ މުބާރާތުގައި ނަބާހާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

އަންހެން ސިންގަލްސް ބައިގެ ފުރަތަމަ ބުރުރާއްޖޭގެ މައިސާ ފަތުހުﷲ ކުޅުނު މެޗުން ބަލިވީ ޕާކިސްތާނުގެ ގަޒާލާ ސޯދިގު އަތުންނެވެ. ސެޓުތައް ދިޔައީ 21-19، 19-21 އަދި 17-21 އިންނެވެ.

މި މުބާރާުތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ ނޭޕާލުގެ ދެ ވަނަ ކުޅުންތެރިޔާ ކަމަށްވާ ދިޕޭޝް ދާމީ އަތުން ބަލިވެފަ އެވެ. ދިޕޭޝް މެޗުގެ ސެޓުތައް ގެންދިޔައީ 21-07، 21-13 އިންނެވެ.

ފިރިހެން ސިންގަލްސް ބައިގައި ގައުމީ ޗެމްޕިއަން އަޖުފާން ރަޝީދު އާއި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދު ވެސް މިއަދު ކުޅޭނެ އެވެ. އަޖުފާނާއި ނިބާލް ބައްދަލުކުރާނީ ކޮލިފައިން ބުރުން އަންނަ ކުޅުންތެރިންނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މަރުޙަބާ ކުދިންނަށް.
    ހިތްވަރުކޮށްލާ. އިންޝާﷲ ކާމިޔާބު ދެއްވާށި. އާމީން.

    • ޕަކާޝް

      އެއީ އެންޑީޕީ އަށް ތާއީދުކުރާ ކުދިންތަކެއް..