ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ސައިފް ސްޕޯޓްސް ކުލަބާއި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވެ އެ ކުލަބާއެކު ނިޒާމްބެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.

ސައިފްޓީމާ ހަވާލުވާން، ނިޒާމްބެ ބަނގްލަދޭޝްއަށް ގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ސައިފް އެސްސީއާއެކު ނިޒާމްބެ މިއަދު އެއްބަސްވުމުގައި ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމަށް އިރުޝާދު ދެމުންދިޔަ ނިޒާމްބެ ބަންގްލަދޭޝްގެ ކްލަބާއި ހަވާލުވިއިރު މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ ގައުމެއްގެ އެންމެ މަތީ ޑިވިޝަނުގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ސައިފް ސްޕޯޓްސް ކުލަބުން ބުނެފައި ވަނީ އެ ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސާފައި ވަނީ ކޯޗެއްގެ ގޮތުގައި އޭނާ ކޮށްފައިވާ މަސައްކަތަށް ބެލުމަށް ފަހު ކަމަށެވެ. ނިޒާމްބެ ވަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއެކު ސައިފް ސްޕޯޓްސް ކުލަބުގެ މައްޗަށް މީގެކުރިން ކުރިހޯދާފައެވެ.

ނިޒާމްްބެގެ ކޯޗް ކަމުގެ ދަށުން ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ބަންގުލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ނިޒާމްބެގެ ފެއާވެލް މެޗަށް ފަހު ވާހަކަދައްކަމުން އޭނާ ބުނީ ބޭރުގެ ޓީމަކަށް އިރުޝާދު ދޭން ފުރުސަތު އޭނާއަށް ލިބިގެންދިއުމުން ދިވެހި ކޯޗުންނަށް ބޭރު ގައުމުތަކުގައި މަސައްކަތް ކުރުމަށް މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ. ނިޒާމްބެ ބުނީ މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަންކަން ނެގި ހިސާބުން ރާއްޖޭން ބޭރުގެ ޓީމަކާ ހަވާލުވާން ވަރަށް ބޮޑަށް ބޭނުންވި ކަމަށާއި ސައިފްގެ އިތުރަށް ބަންގްލަދޭޝްގެ އިތުރު ދެ ޓީމަކުން ފުރުސަތު ލިބުނު ކަމަށެވެ. ނިޒާމްބެ ބުނީ ސައިފް އިޚުތިޔާރު ކުރީ އެޓީމުގެ ހުށަހެޅުން ރަނގަޅުވުމުން ކަމަށެވެ.

ބަންގުލަދޭޝް ޕްރިމިއާ ލީގް ފަށުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ މަހު އެވެ. މި ލީގަކީ ފަހަކަށް އައިސް މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ލީގެވެ. ބާރަ ކްލަބް ވާދަކުރާ މި ލީގުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް މަސައްކަތްކުރެ އެވެ. މިދިޔަ ސީޒަންގައި ސައިފް ސްޕޯޓްސް ކުލަބުން ނިންމާލީ ލީގް ތާވަލުގެ ހަތަރު ވަނައިގަ އެވެ. ލީގްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އޮސްކާ ބުރުޒޮން ކޯޗް ކޮށްދޭ ބޮށުންދަރާ ކިންގްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ދެން ހެސްކިޔާހަ ކަރާފަޅާ~!

  2. ދިވެހިން

    އިންޑިއާ އާއި ބަންގްލަދޭޝްގެ ފުޓުބޯޅަ އާއި އެގައުމުތަކުގެ ލީގުތައް ދަނީ ރާއްޖޭގެ ފުޓުބޯޅައަށްވުރެ މާހަލުވި ސްޕީޑުގައި ކުރިއަރަމުން. އެމީހުންގެ އަންޑަ 16 އާއި 19 ވެސް ދިވެހިރާއްޖެއަށް ވުރެ މިހާރު ވަރުގަދަ. އެކަމަކު އެގައުމު ތަކުގެ މައިގަނޑު ކުޅިވަރަކީ ފުޓުބޯޅައެއްވެސް ނޫން. އެއީ ކްރިކެޓް.