ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ މެންޗެސްޓަރ ސިޓީ އަތުން 1-2 އިން މޮޅުވެ މުބާރާތުގެ ސެމީފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލް ސެމީ އަށް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓުން 1-5 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުން ލިވަޕޫލް މޮޅުވީ 0-3 އިންނެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ރަހީމް ސްޓާލިން ދިން ޕާހަކުން ގެބްރިއަލް ޖީސެސް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ސިޓީ އިން ދިޔައީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބަނާޑޯ ސިލްވާ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ސާނޭ ވެސް ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ.

ސިޓީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިވަޕޫލް އިން ވަނީ ގޯލެއް ކާމިޔާބުކޮށް ސިޓީ ސިއްސުވާލާފައެވެ. މާނޭ ދިން ޕާހަކުން މި ގޯލު ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާހުއެވެ. މިއީ ސަލާޙު މި ސީޒަނުގައި ކާމިޔާބުކުރި 39 ވަނަ ގޯލެވެ.

މި ގޯލަށްފަހު ސިޓީގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރުކުރިއިރު މެޗުގެ 77 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލް އަށް މެޗުގެ ލީޑު ނަގައިދީ މުބާރާތުގެ ސެމީ އަށް އެޓީމު ގެންގޮސްދީފައެވެ.

ސިޓީ ކަޓުވާލުމަށްފަހު ލިވަޕޫލް ސެމީ އަށް ދަތުރުކުރިއިރު މިއީ 2008 ވަނަ އަހަރަށްފަހު އެޓީމު މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސެމީގައި ލިވަޕޫލް ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.