ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ފުޓްބޯޅަ ޓީމް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މުޅި ޔޫރަޕްގައިވެސް ނަތީޖާ ނެރެން އެންމެ އުނދަގޫ ސްޓޭޑިއަމް އަކީ އެންފީލްޑް ކަމަށާއި ލިވަޕޫލަކީ އޭނާގެ ނަޒަރުގައި މިވަގުތު ދުނިޔޭގައި ވެސް އޮތް އެންމެ މޮޅު ޓީމް ކަމަށެވެ.

“ އަހަރެން މިދިޔަ ސީޒަންގައިވެސް މިވާހަކަ ދެއްކިން. އަހަރެމެން މިދިޔަ ފަހަރު ޗެމްޕިއަންކަން ހޯދިއިރު ލިވަޕޫލުން އަހަރެމެންނަށް ދިން ވަރުގެ ޗެލެންޖެއް މިހާތަނަށް އަދި މިލީގުގައި ޓީމަކުން ދީފައެއް ނެތް. އެޓީމަކީ ފާހަގަކޮށްލެވޭ ޓީމެއް. ދުނިޔެއިން ވެސް އެއްވަނަ، “ ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ސިޓީ ނުކުންނައިރު މި މެޗުން މޮޅުވުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެންފީލްޑްގައ ކުޅުމާއި އެހެން ދަނޑެއްގައި ކުޅުން ތަފާތު ކަމަށެވެ. ގާޑިއޯލާ ބުނީ މިހާރަކަށް އައިސް އެންފީލްޑްގައި ކުޅޭއިރު މެޗު ފެށުމުގެ ކުރިން ވެސް އިދިކޮޅު ޓީމްތައް ތިބެނީ ޕްރެޝަރުގައި ކަމަށާއި ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލްގެ މައްޗަށް އެމީހުންގެ އަމިއްލަ ދަނޑުގައި ކުރިހޯދޭނީ އާދަޔާ ހިލާފް ހިތްވަރެއް ލައިގެން ކަމަށެވެ.

މި ފޯރިގަދަ މެޗާއި ދެޓީމުން ކުރިމަތިލާއިރު ލީގް ތާވަލުގެ އެއްވަނައިގައި އޮތީ މިސީޒަންގެ ލީގުގައި އަދި މެޗަކުން ބަލިވެފައިނުވާ ލިވަޕޫލެވެ. އެޓީމުން ވަނީ މިހާތަނަށް ކުޅުނު 11 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 11 މެޗުން 25 ޕޮއިންޓެވެ.