ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު މި މަހު ކުޅެން ހަމަޖެހިފައިވާ މުހިއްމު ދެ މެޗުގައި ޓީމަށް ހިތްވަރުދޭން ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެމްޕެއިނެއް ފަށައިފި އެވެ.

"މަވެސް ދަން" ކެމްޕޭން ފަށާފައިވަނީ އިއްޔެ ހަވީރު ޓާފް ދަނޑުގައި އެފްއޭއެމްއިން ކުރިއަށްގެންދިޔަ ފޮޓޯ ސެޝަންއެއްގައެވެ. މި ކެމްޕޭން ފެށުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދާދި ފަހުން ރާއްޖޭގެ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓްކުރުމުގައި ދަނޑަށް ގޮސް ކުރެވޭނެ ކަންތައްތަކާއި އެ ނޫން ވެސް ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މި ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ކަންތައްތަކެއް ވަނީ ރޭވިފަ އެވެ.

އެގޮތުން "މަވެސް ދަން" ކެމްޕެއިންގެ އިތުރަށް އަންނަ އަންގާރަ ދުވަހު ފިލިޕީންސް މެޗަށް ޓިކެޓް ވިއްކަން ފެށުމުގެ ގޮތުންވެސް އެފްއޭއެމް ސަރަހައްދުގައި ފޯރިގަދަ ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު އެދުވަހުގެ ހަވީރު ޓިކެޓް ވިއްކަން ފަށާއިރު، އެ ސަރަހައްދުން ގައުމީ ޓީމުގެ ޖާޒީ ވިއްކަން ހުންނާނެ ކަމަށާއި، އަދި ޖާޒީ ގަންނައިރު ވަގުތުން ފަހަތުގައި ނަމާއި ނަންބަރު ޖެހޭނެ ގޮތްވެސް މަގުފަހިކުރާނެ ކަމަށްވެސް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި، ކުރިއަށް އޮތް ދެ މެޗުގައި ބޭނުންކުރެވޭނެ ގޮތެއްވޭތޯ ބަލަން ގައުމީ ޓީމު ކޮމިޓީން ވަނީ މަސައްކަތް ފަށާފައެވެ.

ގައުމީ ޓީމް ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިސްނެންގެވުމާއެކު ބަންދުކޮށްފައިވާ ސިޑިބަރިތައް އަލުން ހުޅުވާލުމުގެ މަސަތްކަތް ފެށި ނަމަވެސް ދާދިފަހުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވީސްޕޯޓްސްއާ ހަވާލާދީ ވިދާޅުވީ ސިޑިބަރިތައް އަލުން ހުޅުވުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދަ ނުދެވޭނެ ކަމަށާއި، ސިޑިބަރިތައް ބޭނުންނުކުރެވޭނެކަން އެފްއޭއެމްއަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ސިޑިބަރިތައް ބޭނުން ނުކުރެވުނަސް މި ދެ މެޗަށް އޮލިމްޕަހާއި ދިމާލުގައި ދަނޑު ބޭރުން ބޮޑު ސްކްރީން ހަރުކުރާނެ ކަމަށާއި، އޭރަށް ދަނޑަށް ނުވަދެވޭ ސަޕޯޓަރުންނަށްވެސް އެ މާހައުލުގައި މެޗު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. އެ އަށް ފަހު އަންނަ ހަފުތާގެ ހޯމަ ދުވަހު ބައްދަލުކުރާނީ ގުއާމްއާ އެވެ. 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާއިރު، މި ދެ މެޗަކީ އެ ޓާގެޓަށް ހާސިލުވުމަށްޓަކައި މޮޅުވުން އެންމެ މުހިންމު ދެ މެޗެވެ.

މި ދެމެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާގައި ކޭމްޕް ކުރަމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމް ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މިރޭ އެނބުރި މާލެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙްމަދު

    ނުދާނަން!

    4
    3
  2. މަށޭ މީ

    ދެވިދާނެ އެކަމަކު މޮޅުވާނެބާ؟

  3. ށުޕުން

    ޓީވީ އިންބަލާލަނީ

  4. އައިޝާ

    ގައުމީ ޓީމް ކުޅޭ އިރު ސަޕޯޓަރުން
    ދަނޑަށް ވައްދަންވެސް މިޖެހެނީ
    ކެމްޕެއިން ކުރަން
    މި ގައުމު ގެ ހާލަތު
    އެއްބައި ވަންތަ ކަމާއި ގައުމީ ލޯބި ކޮބައި

  5. ބޯޅަބެ

    ރަހުމަތްތެރި ކަމުގެ ދެމެޗު މަދުވެގެން މަހަކު ކުޅޭ ގޮތައް ގައުމީޓީމައް އެފްއޭ އެމުއިން ހަމަޖައްސަންވި އޭރުން ގައުމީޓީމު ކުރިއައް ދާނީ

  6. ޤައުމު

    ނުދާނަން ތިކޯޗުހުއްޓަކާ

  7. ޢަޖިބު

    ޚެމްޕެއިނެއް ނޫނޭ ކުރަންވީ.. މީހުން ވަންނާނެ. ވަންނަ ވަރަށް ޖާގަ ހަދާބަލަ