އާސެނަލްގެ ތަރި މެސުތް އޮޒިލް އާއި ސީޑް ކޮލަސިނަކް ފޭރެން މަސައްކަތް ކުރި މީހާ އަށް 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

މި މައްސަލާގައި ދައުވާކޮށް، ޙުކުމް އިއްވާފައި ވަނީ އުމުރުން 30 އަހަރުގެ އޭޝްލީ ސްމިތް އަށެވެ. ދެން މި ކުށުގައި ބައިވެރިވީ 26 އަހަރުގެ ޖޯޑަން ނޯތްއޯވާ އެވެ.

މި ދެމީހުން މަސައްކަތް ކޮށްފައި ވަނީ އޮޒިލް އާއި ސީޑްގެ އަގުބޮޑު ގަޑި ފޭރިގަތުމަށެެވެ. ސައިކަލެއްފައި އޮޒިލްމެން ތިބި ކާރު ކައިރިއަށް މަޑު ކުރުމަށް ފަހު އޭޝްލީ ވަނީ ތޫނު އެއްޗަކުން ސީޑް އަށް ބިރު ދެއްކުމަށް ފަހު ގަޑި ދޭން ބުނެފައެވެ. އެ ގަޑީގެެ އަގު 200،000 ޕައުންޑު ނުވަތަ 3 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަރައެވެ.

މަގު ފޭރެ މި ދެމީހުން އެކަން ކުރަން މަސައްކަތް ކުރި ނަމަވެސް، ސީޑް ވަނީ އެމީހުންގެ އެންގުންތަކަށް ބީރު ކަންފަތެއް ދީ، އެމީހުންނާއި ކުރިމަތިލާން މަސައްކަތް ކޮށްފައެވެ. އެއާއި އެކު އެމީހުން ވަނީ ފިލާފައެވެ.

މި އަހަރުގެ ޖުލައި 25ގައި ހިނގި މި ހާދިސާގައި އޮޒިލް ވަނީ އޭނާގެ އަންހެނުން ގޮވައިގެން އެ ސަރަހައްދު ދޫކޮށް، ކައިިރި ރެސްޓޯރެންޓަކަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.

މިކަމުގައި ބައިވެރިވި ޖޯޑަން އަށް އަދި ޙުކުމެއް އިއްވާފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާގެ މައްޗައްޗެސް ހުކުމް އިއްވާނެ ކަމަށް އިނގިރޭސި ވިލާތުގެ ރިޕޯޓުތައް ބުނެއެވެ.