ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދިއިރު އަންހެން ސިންގަލްސް އިވެންޓުން ތަޖުރިބާކާރު ކުޅުންތެރިއާ ނީލާ ނަޖީބު ލޯ މެޑަލް ހޯދައިފިއެވެ.

އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އަކީ ދާދި ފަހުން ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޑަބަލްސް ޗެމްޕިއަނުންނެވެ. ރާއްޖޭގެ ބެޑެމިންޓަންގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސެހެރާ އަކުރަމް އާއި ހުމާ ޖާވީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-16، 21-12 އިންނެވެ.

މާދަމާ ކުޅޭ ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ބައްދަލުކުރާނީ ސެމީގައި ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲގެ ޕެއާ ބަލިކުރި ޕާކިސްތާނުގެ ޕެއާއެއް ކަމަށްވާ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ބައިން ޒަޔާން އާއި ނަބާހާގެ ޕެއާ ސެމީގައި ވަނީ ޕާކިސްތާނުގެ އަބްދުއްރަހުމާނާއި ސައިމާގެ ޕެއާގެ މައްޗަށް ކުރިހޯދާފައެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ 21-14، 21-13 އިންނެވެ. ފައިނަލުގައި ޒަޔާން އާއި ނަބާހާ ނުކުންނާނީ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާއާ ދެކޮޅަށެވެ.

އަންހެން ސިންގަލްސް ބައިން ސެމީ ފައިނަލުގައި ރާއްޖޭގެ ނީލާ ބަލިވެ މުބާރާތާ އަލްވަދާއުކީ ލޯ މެޑަލަކާއެކު އެވެ. ނީލާ ސެމީގައި ބަލިވީ ޕާކިސްތާނުގެ މަހޫރު ޝަހްޒާދު އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-18، 21-11 އިންނެވެ.