ރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗަކީ އެ މުބާރާތުގައި އޭނާ ކުޅުނު ފަހު މެޗަށް ވުން އެކަށީގެންވާ ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.

ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި 0-3 އިން އިޓަލީގެ ރޯމާ އަތުން ބަލިވެ ބާސާ ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓާފައެވެ.

ރޭގެ މެޗުގައި އިނިއެސްޓާ ކުޅުނުއިރު މި ސީޒަނަށްފަހު އޭނާ ބާސާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ މިފަހަކަށް އައިސް ގަދަވާން ފަށާފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ކްލަބަކުން އިނިއެސްޓާ ގެންދިޔުމަށް ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ.

ކުރިމަގާ މެދު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އިނިއެސްޓާ މީގެކުރިން ބުނެފައިވާއިރު ރޭގެ މެޗަކީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަހު މެޗަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"މި މެޗަކީ އަހަރެން ޗެމްޕިއަންސް ލީގުގައި ކުޅުނު ފަހު މެޗަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަމަކު މިއީ އެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން. އަހަރުމެންނަށް މި ލިބުނީ ވަރަށް ބޮޑު ހިތާމަވެރި ކަމެއް" ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އިނިއެސްޓާ ބުންޏެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ އަކީ 2002 ވަނަ އަހަރުން ފެށިގެން ބާސާގެ ސީނިއާ ޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އިނިއެސްޓާ ވަނީ ބާސާ އާއެކު ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.