އިނގިރޭސި ޕްރިމިއާ ލީގުގައި މިިއަދު ހަވީރު ކުޅުނު މެޗުގައި ކްރިސްޓަލް ޕަލަސް ބަލިކޮށް ޗެލްސީން ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީން ޕަލަސްގެ މައްޗަށް ކުރިހޯދީ 2-0ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޗެލްސީން ތާވަލުގެ ދެވަނަ އަށް ޖެހިލީ ކުރިން ދެވަނަ މަގާމުގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެން ޖުމްލަ 26 ޕޮއިންޓާއެކުއެވެ.

ވަގުތީގޮތުން ޗެލްސީ ދެވަނަ އަށް ޖެހިލިއިރު މާދަމާ އެންފީލްޑްގައި ލިވަޕޫލް ބަލިކޮށްގެން ސިޓީ އަށް އަލުން އެނބުރި ދެވަނަ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ އެންމެ ކުރީގައި 31 ޕޮއިންޓާއެކު އަދިވެސް ލިވަޕޫލް އޮތްއިރު މިއަދު ޗެލްސީ އަތުންވި ބައްޔާއެކު ޕަލަސް އަށް ލިބެނީ 15 ޕޮއިންޓާއެކު ނުވަ ވަނައެވެ.

މިއަދުގެ މެޗުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ބްރެޒިލްގެ ވިލިއަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ޒުވާން ފޯވަޑް ޓެމީ އަބްރަހަމްއެވެ.

އަބްރަހަމްގެ ލަނޑާއެކު ޗެލްސީން މެޗުގެ ކޮންޓްރޯލް ނެގިއިރު މެޗުގަައި އެޓީމުގެ ގޯލަށް ޕަލަސްގެ ކުޅުންތެރިންނަށް މާބޮޑަކަށް ނުރައްކާ ނުކުރެވުނެވެ. މުޅި މެޗުގައިވެސް ލަނޑު ޖަހަން ޕަލަސް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފުގެ ފަހުކޮޅުއެވެ. ގާތްގަނޑަކަށް ހަތް ޔާޑު ދުރުން އެޓީމުގެ ޑިފެންޑަރު ޖޭމްސް ޓޮމްކިންސް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ޓޮމްކިންސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ 79 ވަނަ މިނެޓުގައި ފޯވަޑް ކްރިސްޓިއަން ޕުލިސިކް ޗެލްސީގެ ލީޑު ފުޅާކުރުމެވެ. މިއީ ޑޯޓްމަންޑުން ޗެލްސީ އަށް ބަދަލުވުމަށްފަހު ޕުލިސިކް ސްޓަމްފޯޑް ބްރިޖްގައި ޖެހި ފުރަތަމަ ލަނޑެވެ.

މިއަދުގެ މޮޅަކީ ލަމްޕާޑްގެ ޗެލްސީން ލީގުގައި ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ. ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން ޗެލްސީން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު އެޓީމުގެ ޒުވާން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.