ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީކަން ކުރި މަޓެއޯ ލަހޯޒް އަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ފާޑު ކިޔައިފިއެވެ.

ރޭގެ ލިވަޕޫލް އަތުން 1-2 އިން ބަލިވެ މުބާރާތުން ސިޓީ ކަޓާފައިވާއިރު ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ފުރަތަމަ ހާފް ނިމިފައިވަނިކޮށް ރެފްރީ ވަނީ ގާޑިޔޯލާ ބެންޗުން ފޮނުވާލާފައެވެ. ގާޑިޔޯލާ ހިތްހަމަ ނުޖެހުނީ ސިޓީ އިން ދެވަނަ ގޯލެއް ކާމިޔާބުކުރުމުން އެއީ ރަނގަޅު ގޯލެއް ނޫންކަމަށް މެޗުގެ އޮފިޝަލުން ނިންމުމާ ގުޅިގެންނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ އެ މެޗުގައި ރެފްރީކަން ކުރި ލަހޯޒް އަކީ ސްޕެއިންގައި އޭނާ މަސައްކަތް ކުރިއިރު ވަރަށް ރަނގަޅަށް ދަންނަ ރެފްރީއެއް ކަމަށާއި ލަހޯޒް އަކީ އަބަދުވެސް ތަފާތުވާން މަސައްކަތް ކުރާ މީހެއް ކަމަށެވެ.

"ލަހޯޒް އަކީ އަބަދުވެސް ވަރަށް ތަފާތުވާން އަދި ވަރަށް ހާއްސަ ވާން އުޅޭ މީހެއް. ހުރިހާ އެންމެންނަށް އެއްގޮތަށް ހުރިހާ ކަމެއް ފެންނައިރު ވެސް އޭނާ އަށް ފެންނާނީ ތަފާތު ގޮތަކަށް. އޭނާ އަހަރެން ބެންޗުން ފޮނުވާލަން ނިންމިއިރު، އަހަރެން އޭނާއާ ދިމާލަށް ގޯސް އެއްޗެކޭ ނުވެސް ބުނަން. މިއީ ތަންކޮޅެއް ބޮޑުވަރު" ގާޑިޔޯލާ ބުންޏެވެ.

ގާޑިޔޯލާ ބުނިގޮތުގައި އޭނާ ބެންޗުން ފޮނުވާލަން ރެފްރީ ނިންމީ ސިޓީ އިން ކާމިޔާބުކުރި ދެވަނަ ގޯލަކީ އެއީ ރަނގަޅު ގޯލެއް ކަމަށް ބުނުމުން ކަމަށެވެ.

"އަހަރެން ބުނިން ރެފްރީ ކައިރީ އެއީ ގޯލެކޭ. މިލްނާ ސާނޭ އަށް ޕާހެއް ދިނީއޭ، އެއީ ގޯލެކޭ. މިހެން ބުނީމަ އަހަރެން ބެންޗުން ފޮނުވާލަން އޭނާ ނިންމީ. ކޮންމެ ގޮތެއް ވިޔަސް ދެ ގޯލުގެ ލީޑެއްގަ އޮވެ ދެވަނަ ހާފަށް ދާއިރު ކަންތައްތަކެއް ތަފާތުވާނެ. އަހަރެން ރެފްރީއާ ދިމާލަށް ގޯސް އެއްޗެކޭ ނުބުނަން" ގާޑިޔޯލާ ބުންޏެވެ.

ސިޓީ ކަޓުވާލުމަށްފަހު ލިވަޕޫލް ސެމީ އަށް ދަތުރުކުރިއިރު ގާޑިޔޯލާ ވަނީ އެޓީމަށް މަރުހަބާ ކިޔާފައެވެ. އަދި ސެމީފައިނަލްގައި ލިވަޕޫލް އިން އިނގިރޭސި ފުޓްބޯޅަ ދިފާއުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.

"ލިވަޕޫލް އަކީ މޮޅު ޓީމެއް. އެ ޓީމުގައި އެހުރީ ވެސް މޮޅު ކޯޗެއް. ލިވަޕޫލް ސެމީއަށް ދިޔުން ހަމަ ހައްގު" ގާޑިޔޯލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްދު

    މޮޅެއްނޫން ސިޓީއެއް ސިޓީމޮޅޭކިޔާފަ މަޑުން ތިބޭތި މޮޅުވަނީ

  2. ޖަމަލުސް

    ރެފުރީންގެ ނިންމުންތައް ހަމަ ކަޑަ. މިހެން ބުނާއިރު އިނގޭ ރެފުރީން ފޭވަރ ކުރާ އޫއެފާގެ ބަލަދު އަރާ ޓީމު މޮޅުކުރަން ރެފުރީން ހާއްސަ ސަމާލުކަމެއް ދޭކަން. ވީއާރު ޓެކުނޮލޮޖީ ނުގެނެވިގެން އުޅެނީ އެޓީމު ނުރުހުންްވާތީކަން ވެސް އިނގޭ.
    މިރޭގެ މެޗުތައް ބަލާތި.
    ޖެހިޖެހިގެން 20 30 ފައުލުކުރިޔަސް ރީނދޫ ކާރޑެއްހާ ހިސާބުވެސް ނުދައްކާނެ ޓީމެއް މިރޭ ކުޅޭނެ