ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވީގޯ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރޭ ކޭމްޕް ނޫގައި ކުޅުނު ލަލީގާގެ ބާރަ ވަނަ ބުރުގެ މެޗުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. މެޗަށް ބާސާ ނުކުތްއިރު އެޓީމުން މިސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗު އެރްނެސްޓޯ ވަލްވާޑޭގެ ކޮނޑަށް ޕްރެޝަރު އޮތީ ބަރުވެފަ އެވެ. ރޭގެ މެޗުން ބާސާ މޮޅުވުމާއެކު ވަގުތީ ގޮތުން ވަލްވާޑޭ އަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެެއް ލިބިގެންދިޔައިރު، ކޯޗު ކަމުގެ މަގާމުން އޭނާ ވަކިކުރުމަށް އެކްލަބުގެ ސަޕޯޓަރުން އަންނަނީ ތަކުރާރުކޮށް ގޮވަމުންނެވެ.

ރޭގެ މެޗާއި ބާސާ ކުރިމަތިލީ ފަހަކަށް އައިސް އުއްމީދީ ކުޅުމެެއް ދައްކަމުން އަންނަ 16 އަހަރުގެ ކުޅުންތެރިއާ އަންސޫ ފާޓީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ލެފްޓް ބެކް ޖޯޑީ އަލްބާގެ ބަދަލުގައި ޖޫނިއާ ފާޕޯ ކުޅެން އެރިއިރު މެދުތެރެ ލީޑް ކޮށްފައިވަނީ ސާޖީ ރޮބާޓޯ އާއި ފްރެންކީ ޑިޔޮންގެ އިތުރުން އަރްތުރް އެވެ.

ކޭމްޕް ނޫގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު އާއްމުގޮތެއްގައި ބާސާ އިން މެޗު ޑޮމިނޭޓްކުރާ ނަމަވެސް ރޭގެ މެޗުގެ ކުރީކޮޅު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސެލްޓަ ވީގޯއެވެ. ބާސާ ކުޅުންތެރިންނަށް މެޗު ތެރެއަށް ވަނުމަށް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައިރު އެޓީމަށް ނަސީބު ލައްވާލީ 23 ވަނަ މިނެޓުގަައި ފާޕޯ ނެގި ހުރަހެއް ސެލްޓާ ވީގޯގެ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއް އަތުގައި ޖެހުމުން ރެފްރީ އެޓީމަށް ޕެނަލްޓީއެއް ދިނުމުންނެވެ.

ކެޕްޓަން ލިއޮނެލް މެސީ އިތުބާރާއެކު ޕެނަލްޓީ ކާމިޔާބުކޮށް ބާސާ އަށް ލީޑު ހޯދައިދިން ނަމަވެސް ސެލްޓާ އިން ވަނީ 42 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ސެލްޓާ އިން ނަތީޖާ އެއްވަރުކުރީ ބޯޅަ ރިކަވާ ކުރަން އުޅުމުގެ ތެރޭ އިދިކޮޅު ކުޅުންތެރިއަކަށް މެސީ ކުރި ފައުލެއްގައި ލިބުނު ހިލޭ ޖެހުމުންނެވެ.

އިދިކޮޅު އޭރިއާ އަރިމަތިން ލިބުނު މި ހިލޭ ޖެހުން ގޯލަށް ފޮނުވާލީ ސެލްޓާގެ ލެފްޓް ބެކް ލޫކަސް އޮލާޒާ އެވެ. މެސީ އަށް ހެދުނު ގޯހަކުން ސެލްޓާ އިން ނަތީޖާ ހަމަހަމަކުރި ނަމަވެސް އޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖާދޫ ދައްކައި ބާސާ އަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މެސީގެ ދެވަނަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.

ބާާސާއިން 2-1ގެ ލީޑެއްގައި އޮވެ ދެވަނަ ހާފާއި ކުރިމަތިލިއިރު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި މެސީ ގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެންދިޔައީ 48 ވަނަ މިނެޓުގައެވެ. މި ލަނޑަކީވެސް ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ. މި ލަނޑާއެކު މެސީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ހިލޭ ޖެހުމުގެ އަދަދު 52 އަށް އަރާފައިވާއިރު މި މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ ލަލީގާގެ ތާރީހުގައި އެންމެ ގިނަ ހެޓްރިކް ހަދައިގެން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑާއި އެއްވަރުކޮށްފައެވެ. މިދެ ކުޅުންތެރިންވެސް ވަނީ ސްޕެނިޝް ލީގުގައި 34 ހެޓްރިކް ހަދާފައެވެ.

މެސީ އޭނާގެ 52 ވަނަ ހެޓްރިކް ފުރިހަމަ ކުރި ލަނޑަށްފަހު ބާސާގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށްވެފަައި ވަނިކޮށް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްއެވެ.

ބާސާއިން ސެލްޓާގެ މަައްޗަށް ފަސޭހަ އަދި މުހިއްމު މޮޅެއް ހޯދިއިރު ވާދަވެރި ރެއާލް މެޑްރިޑްވެސް ވަނީ ފަސޭހަކަމާއެކު 4-0 އިން އައިބާގެ މައްޗަށް ކުރިހޯދައިފައެވެ. އައިބާގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އާއި ސާޖިއޯ ރާމޮސްގެ އިތުރުން ފެޑެރީކޯ ވަލްވާޑޭ އެވެ.

މި ނަތީޖާތަކާއެކު ސްޕެނިޝް ލީގް ތާވަލަށް ބަލާއިރު އެއްވަނަ ބާސާ އަށް ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ބާސާ އާއި ރެއާލަށްވެސް ވަނީ ބާރަ މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ތާވަލުގެ ތިންވަނައިގައި 23 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު ހަތަރުވަނައިގައި އޮތީ 21 ޕޮއިންޓް ލިބިގެން އެތްލެޓިކޯ މެޑްރިޑެވެ.